ޚަބަރު

55 ދިވެހިންނާ ގުޅިއްޖެ، 9 މީހަކާ އަދިވެސް ނުގުޅޭ- ސަފީރު


އިންޑިޔާގެ ޓެމިލްނާޑޫ ސްޓޭޓުގެ ޗެންނާއީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާއި ގުޅިގެން ދިވެހިންގެ ޙާލު ބެއްލެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން މިހާތަނަށް ނުވަ މީހަކު ފިޔަވައި އެހެން ހުރިހާ އެންމެނާ ގުޅިފައިވާ ކަމަށް އިންޑިޔާގައި ހުންނަވާ ދިވެހި ސަފީރު އަޙުމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ޗެންނާއީގައި ފެންބޮޑުވުމުގެ އަސަރުކޮށްފައިވާ ސަރަޙައްޙައްދުތަކުގައި ތިބި ފަންސާސް ފަސް ދިވެއްސަކާ ގުޅުއްވުމަށް މަސައްކަތް ކުރައްވައި، އޭގެތެރެއިން ނުވަ މީހަކު ފިޔަވައި އެންމެނަށް ގުޅި އެމީހުން ބަދަލުވާން ބޭނުންވާ ސަރަޙައްދުތަކަށް ބަދަލުކުރެއްވުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވިކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން ޗެންނާއިން ބޭރަށް ދާން ބޭނުންވާ މީހުންނަށް ޓްރިވެންޑްރަމަށް ދެވޭނެ އިންތިޒާމް ހަމަޖެއްސެވި ކަމަށާއި، އަދި އޭގެތެރެއިން ބައެއް މީހުން އަމިއްލަ ގޮތުން ބެންގަލޫރަށް ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ."އެމީހުން ބަދަލުވާން އެދޭ ތަންތަނާބެހޭ ގޮތުން މަޝްވަރާކުރެވި، ބައެއް ބޭފުޅުން އަޅުގަނޑުމެންގެ ވެހިކަލްގައި ޗެންނާއިން ޓްރިވެންޑްރަމަށް އާދިއްތަ ދުވަހު ފުރާނެ. ބެންގަލޫރު ފަދަ ދިމަދިމާލަށް ވަޑައިގަންނަވާ ބޭފުޅުން އަމިއްލަފުޅަށް ވަޑައިގެންފި. ގާތްގަނޑަކަށް 55 މީހެއްގެ މައުލޫމާތު ލިބިފައިއޮތީ، އޭގެތެރެއިން 9 މީހަކު ފިޔަވައި އެހެން ހުރިހާ މީހުންނަށް އެޓެންޑްކުރެވިއްޖެ." އަހުމަދު މުޙައްމަދު ވިދާޅުވިއެވެ.އިންޑިޔާގައި ހުންނަވާ ދިވެހި ސަފީރު ވިދާޅުވީ، ޢާއްމު ގޮތެއްގައި ދިވެހިންގެ ޙާލު ރަނގަޅުކަމަށެވެ.''ދިމާވި ތަކުލީފު ފިޔަވައި، ނޫނީ ލިބުނު ޝޮކް ފިޔަވައި، ޢާއްމުކޮށް ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު. ކާބޯތަކެތީގެ މާބޮޑު ދަތިތަކެއް ދިމާވެ ނޫނީ ފެނަށް ޖެހި، ކާނާއަށް ޖެހި މިކަހަލަ ކަމެއް ދިމައެއް ނުވޭ އިރާދަކުރެއްވިއްޔާ" ދިވެހި ސަފީރު ވިދާޅުވިއެވެ.ލޭންޑްލައިނާއި، އަދި މޯބައިލް ނެޓްވާރކްތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ދިވެހިންނާ ގުޅުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވިކަން ފާހަގަކުރައްވަމުން ސަފީރު ވިދާޅުވީ، މިހާރު ނުގުޅި ތިބި ނުވަ ދިވެހިންނާ ގުޅުމުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރައްވަމުން ގެންދަވާ ކަމަށެވެ.