ވިޔަފާރި

ހއ.އުލިގަމުގައި ޔޮޓްފަހަރު ބަނދަރުކުރުން އިތުރުވެއްޖެ


ހއ. އުލިގަމުގައި ޔޮޓްފަހަރު ބަނދަރުކުރުން ހީނަރުވެފައި އޮތުމަށްފަހު، އަނެއްކާވެސް ޔޮޓް ފަހަރު ބަނދަރުކުރުން އިތުރުވެއްޖެއެވެ. ޗައިނާ، ޖަޕާން ދެކުނު އެފްރިކާފަދަ ބޮޑެތި ޤައުމުތަކަށް ކަނޑުއުޅަނދު ފަހަރު ދަތުރުކުރުމަށް މަގެއްގެ ގޮތުގައި ބޭނުންކުރާ ރާއްޖޭގެ ސަރަޙައްދެއް ކަމަށްވާ އުލިގަމު ސަރަޙައްދުން ދުނިޔޭގެ މަޝްހޫރު ގައުމުތަކުގެ  ޔޮޓްތައް ދަތުރުކުރެއެވެ.އުލިގަމު ރައްޔިތުން ބުނާގޮތުގައި އެންމެ ގިނަ ޔޮޓްފަހަރު ބަނދަރު ކޮށްފައިވަނީ ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައެވެ. އެގޮތުން އެދުވަސްވަރު އާއްމު ގޮތެއްގައި އަހަރަކު 100 އަށްވުރެ ގިނަޔޮޓް ބަނދަރު ކޮށްފައިވެއެވެ. މިއީ އާމްދަނީގެ ނިސްބަތުން ބަލާއިރު އަހަރަކު  ގާތްގަޑަކަށް، ދިހަމިލިޔަނަށް ވުރެގިނަ ރުފިޔާއެވެ.މިފަދަ ނަފާއެއް ލިބެމުންދިޔަނަމަވެސް ދެހާހުގެ ފަހުގެ އަހަރުތަކުގައި  ކުރިމަތިވަމުން އައި ކަނޑުފޭރުމުގެ ހާދިސާތަކާ ގުޅިގެން އުލިގަމަށް ޔޮޓް ބަނދަރުކުރާ ޢަދަދަށް ހީނަރުކަމެއް އައި . އެހެންނަމަވެސް މިހާރު އަނެއްކާވެސް މިވަނީ މިކަމަށް ފެހި ސިގްނަލެއް ލިބިފައެވެ.ތަފާސް ހިސާބުދައްކާ ގޮތުން މިދިޔަ 2014 ވަނަ އަހަރަށްވުރެ މިއަހަރު އެރަށުގައި ބަނދަރު ކުރި ޔޮޓްގެ އަދަދު އިތުރުވެފައިވެއެވެ. މިއަހަރު ބަނދަރު ކޮށްފައިވަނި 41 ޔޮޓެވެ. މިދިޔަ އަހަރު އުލިގަމުގައި ބަނދަރުކޮށްފައިވަނީ 19 ޔޮޓެވެ. ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން އުލިގަމު ކައުންސިލްގެ ރައީސް ޢިމާދު ޢަބުދުﷲ ވިދާޅުވީ މި ޔޮޓްތަކުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާ ގޮތުން އެރަށު ރައްޔިތުންނަށް ފައިދާވަމުންދާކަމަށެވެ. އަދި އުލިގަމުގެ އިތުރުން އެރަށު ކައިރި ހުރި އެހެން ރަށްތަކަށްވެސް މި މިކަމުގެ ފައިދާވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އުލިގަމަށް އަންނަ ޔޮޓް ފަހަރު އާންމުގޮތެއްގައި 3 ދުވަހާއި ހަތަރު ދުވަހުގެ މުއްދަތަކަށް ބަނދަރުގައި މަޑުކުރާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.އުލިގަމުގައި އާމުގޮތެއްގައި ޔޮޓްތައް ބަނދަރު ކުރަނީ އަހަރުގެ ނިމޭ ހިސާބުގައާއި ފެށޭ ހިސާބުގައި ކަން ކަސްޓަމްސްގެ ސީނިއަރ ސްޕްރިންޓެންޓް އަހުމަދު ނިޔާޒު ފާހަގަކުރެއްވިއެވެ.  އަދި ޔޮޓް މެރީނާއެއް މި ރަށުގައި ޤާއިމުކުރެވިގެން ދިއުމަކީ ވަރަށް ބޭނުންތެރިކަމެއްކަމަށާއި ސަބަބަކީ އެ ޗެނެލްއިން ދަތުރުކުރާ ގިނަ އުޅަނދު ފަހަރު ބަނދަރު ކުރާ އެއްސަރަހައްދަކީ އެއީކަމަށް ވާތީ ކަމަށް ވެސް އަހުމަދު ނިޔާޒު ވިދާޅުވިއެވެ. އުލިގަމުގައި ކަސްޓަމްސްގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން ކަސްޓަމްސްގެ އޮފީސް އިމާރާތް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުނެވެ. ޓޫރިޒަމް މިނސްޓްރީން ވިދާޅުވީ އުލިގަމުގައި ޔޮތް މެރީނާ އެއް ޤާއިމް ކުރެއްވުމަށް ސަރކާރުން މަސައްކަތްތަކުރެއްވި ކަމަށާއި، އެސަރަޙައްދު ތަރައްޤީކުރެއްވުމަކީ  ސަރުކާރުން ގެން ގުޅުއްވާ ވިސްނުމެއްކަމަށެވެ.