އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕުލާއި ނޯވިޗް ސިޓީ ބައްދަލުކުރިމެޗް ކާމިޔާބުކޮށް އާސީޒަންގައި ލީގުގެ ފެށުން ލިވަޕޫލުން ރަނގަޅުކޮށްފިއެވެ.
ނޯވިޗް ސިޓީގެ ދަނޑު ކެރޯ ރޯޑްގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިމެޗްގައި ލިވަޕޫލްގެ ފަހަތުގައި މައި އެއް ތަނބުގެ ގޮތުގައި ބެލެވިފައިވާ ވަރޖިލް ވެންޑައިކް ވަނީ 10 މަސް ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކުޅެފައެވެ.
މިމެޗްގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި މުހަންމަދު ސަލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހާދިނީ ޑިއޮގޯ ޖޮޓާއެވެ. އަދި ދެވަނަ ލަނޑު ސަލާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ރޮބާޓޯ ފިރިމީނޯއެވެ.
މިމެޗްގައި ލިވަޕޫލުން ޖެހި ތިންވަނަ ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާފައިވަނީ ސަލާއެވެ. މިލަނޑާއެކު ސަލާވެފައިވަނީ ޕްރިމިއަރ ލީގުގެ ތާރީހްގައި ލީގުގެ ފުރަތަމަ މެޗްގައި ޖެހިޖެހިގެން ފަސް ސީޒަންގައި ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. މިމެޗް ލިވަޕޫލުން ރަށުން ބޭރުގައި ފަސޭހަކަމާއެކު މޮޅުވި އިރު އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނުމުގެ އިތުރުން ކުރިއަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ސަލާ އާއި ފިރިމީނޯ އަދި ސާޑިއޯ މާނޭގެ ނުރައްކާތެރިކަން ފާހަގަވެގެންދިޔައެވެ. އަދި ވެން ޑައިކްވެސްވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.