ޚަބަރު

އާސީޒަންގެ ފެށުން ޑޯޓްމުންޑުން ރަނގަޅުކޮށްފި


ޖަރުމަނު ބުންޑަސްލީގާގައި ބޮރޫޝިއާ ޑޯޓްމުންޑާއި އެއިންޓްރެކްޓް ފްރެންކްފަރޓް ބައްދަލުކުރިމެޗް ކާމިޔާބުކޮށް އާސީޒަންގެ ފެށުން ޑޯޓްމުންޑުން ރަނގަޅުކޮށްފިއެވެ.

ޑޯޓްމުންޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 5 ލަނޑު 2 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޑޯޓްމުންޑްގެ ތަރި އަރލިންގ ބްރައުޓް ހާލަންޑް ވަނީ 2 ލަނޑު ކާމިޔާބުކޮށް އަދި ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. މިމެޗްގައި ޑޯޓްމުންޑްގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓްގައި ޖަހާފައިވަނީ ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި މާކޯ ރޮއިސްއެވެ. މިއީ ރޮއިސް ބުންޑަސްލީގާއި ޑޯޓްމުންޑަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑެވެ. ނަމަވެސް މިލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ޑޯޓްމުންޑްގެ ފީލިކްސް ޕަސްކލެކްއަތުން ބައިކޮޅަށް ވަން ލަނޑަކާއެކު މެޗްގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ.

މިމެޗްގައި ޑޯޓްމުންޑުން ދެވަނަ ފަހަރަށް ލީޑު ނެގީ ހާލަންޑް ތަނަވަސްކޮށްދިން ދެވަނަ ފުރުސަތުގައި ޓޯގަން ހަޒާޑްއެވެ. އަދި ޑޯޓްމުންޑްގެ ތިންވަނަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހާފައިވަނީ ހާލަންޑެވެ. އަދި އޭނަ މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓްގައެވެ، ނަމަވެސް މިލަނޑުގެ ކުރިން ޑޯޓްމުންޑްގެ ޖިއޮވާނީ ރޭނާ ވަނީ ޑޯޓްމުންޑްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިމެޗްގައި ފްރެންކްފަރޓްގެ ދެވަނަ ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ޖަހާދިނީ ޔެންސް ޕީޓަރ ހޭގްއެވެ.

މިމެޗްގައި ހާލަންޑް ޖެހި ދެލަނޑާއެކު އޭނާ މިހާރު ވަނީ ޑޯޓްމުންޑަށް ކުޅެދިން 61 މެޗްގައި 62 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ތެރޭގައި ބުންޑަސްލީގާގައި ކުޅެފައިވާ 44 މެޗްގައި ކާމިޔާބުކުރި 42 ލަނޑުވެސް ހިމެނެއެވެ. އަދި މިއީ ޑޯޓްމުންޑުން ބުންޑަސްލީގާގައި ޖެހިޖެހިގެން ކާމިޔާބުކުރި 8 ވަނަ މެޗެވެ. މިއާއެކު އެޓީމް މިވަނީ 20111-2012 ވަނަ އަހަރުގެ ސީޒަންގައި ޔަރގަން ކްލޮޕްގެ ކޯޗްކަމުގެ ދަށުން ހެދި ރިކޯޑާއި އަރާހަމަކޮށްފައެވެ.