ޚަބަރު

ސަޕޯޓަރުންނަށް މެސީ ދައްކާލި މެޗުން ޕީއެސްޖީ މޮޅުވެއްޖެ


ފްރެންޗް ލީގުގައި ސްޓްރަސްބޯގް އަތުން ޕީއެސްޖީ މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 4-2 ލަނޑުންނެވެ. މޮޅެތި ކުޅުންތެެރިން ނުލައި ކުޅުނު މި މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ތިންވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ. އަދި މެޗުގެ 25 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީއަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހޫލިއަން ޑްރެކްސްލާއެވެ. ދެވަނަ ހާފުގައި ސްޓްރަސްބޯގުން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މި ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ކެވިން ގަމެއިރޯ ވަނީ ޓްރަސްބޯގުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 64 ވަނަ މިނެޓުގައި ލުޑަވިކް އަޖޯކް ވަނީ ލަނޑެއް ޖަހައި، ސްޓްރަސްބޯގަށް ފަރަގު ކުޑަކޮށްދީފައެވެ.

ސްޓްރަސްބޯގަށް މައްސަލަތަކެއް ކުރިމަތިވީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ އަލެކްސެންޑަ ޖިކޫއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. ޕީއެސްޖީ އަށް .ލީޑު އިތުރަށް ފުޅާކޮށްދިނީ ޕަބްލޯ ސަރަބިއާއެވެ. މެޗު ފެށުމުގެ ކުރިން އެ ޓީމުން ވަނީ މި ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް އަލަށް ގުޅުނު ފަސް ކުޅުންތެރިން ސަޕޯޓަރުންނަށް ދައްކާލަފައެވެ. މި ޓްރާންސްފާގައި ޕީއެސްޖީން ވަނީ ހިލޭ ޓްރާންސްފާގެ ދަށުން އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި، ރެއާލް މެޑްރިޑުގެ ކުރީގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި، ލިވަޕޫލުގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް އަދި ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާގެ ސޮއިވެސް ހޯދާފައެވެ.