ޚަބަރު

ދަރިވަރުންނާއި އާއްމުންނަށް ފައިޒާ ވެކްސިން ޖެހުމުގެ މަސައްކަތް ފަށައިފި


އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށާއި، ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާއްމުންނަށް ފައިޒަރ ވެކްސިން ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެއާއި އަތޮޅުތަކުގައި ފައިޒަރ ވެކްސިން ޖަހަން ފަށާފައިވާއިރު ސްކޫލް ކުދިން ފިޔަވާ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެހެން ފަރާތްތަކުން އޮންލައިންކޮށް އެޕޮއިންޓްމަންޓް ހައްދައިގެން ވެކްސިން ޖަހަން ދިއުމަށް އެޗް.ޕީ.އޭއިން ވަނީ އެދިވަޑައިގެންފައެވެ.

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒަރ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ވަނީ ރާއްޖެގެނެސްފައެވެ. ފައިޒަރ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއްކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ 5 ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖެހުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ.

ފައިޒަރ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތައް:
12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން
ދިފާޢީ ނިޒާމު ބަލިކަށި މީހުން
މާބަނޑު މީހުން
ކޮވިޝީލްޑް ނުވަތަ ސައިނޯފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވެފައިވާ ފަރާތްތައް
ހަމައެކަނި ފައިޒަރ ވެކްސިން ޤަބޫލުކުރާ ޤައުމުތަކަށް ކިޔަވަންދާ ފަރާތްތައް

އެޗް.ޕީ.އޭއިން ވިދާޅުވީ، މާބަނޑު މީހުންގެ ތެރެއިން، ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ޖަހާނީ ފައިޒަރ ވެކްސިންކަމަށެވެ. އަދި މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން ފައިޒަރ ނުވަތަ އެސްޓްރާޒެނެކާ ވެކްސިން ޖެހުމަށް ޚިޔާރުކުރެވިދާނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެއެވެ.

ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށްވެސް ރާއްޖޭގައި ފައިޒަރ ވެކްސިން ޖެހުމަށް ނިންމާފައިވާއިރު، އެފަދަ ފަރާތްތަކުގެ ތެރެއިންވެސް އިސްކަންދޭނެ ފަރާތްތައް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާޢީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނަށް މި ވެކްސިން ޖެހިދާނެއެވެ. އަދި ދިގު މުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނާއި، ގަވާއިދުން ޑަޔަލިސިސް ހަދަމުންދާ މީހުންގެ އިތުރުން ކެންސަރު ބަލީގެ ފަރުވާ ހޯދަމުންދާ މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

އުމުރުން 12 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން މިހާރު ސްކޫލުތަކުގައި އުޅޭ ދަރިވަރުން އަދި މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ. ފައިޒަރ ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އާއްމުންނަށް ވެކްސިން ޖަހަންފަށާފައިވާއިރު، މާލޭ ސަރަޙައްދުގައި މި ވެކްސިން ޖަހާނެ ސެންޓަރުތަކާއި ގަޑިތައް އެޗް.ޕީ.އޭއިން ވަނީ އިއުލާންކޮށްފައެވެ.

މާލޭ ސަރަޙައްދުގައި ފައިޒަރ ވެކްސިން ޖަހާނެ ސެންޓަރުތަކާއި ގަޑިތައް
އިސްލާމީ މަރުކަޒު - ހެނދުނު 9:00 އިން ހަވީރު 4:00 އަށް
ހުޅުމާލޭ ހޮސްޕިޓަލް - މެންދުރު 1:00 އިން ހަވީރު 4:00 އަށް
ވިލިމާލެ ޔޫތު ސެންޓަރު - މެންދުރު 1:00 އިން ހަވީރު 4:00 އަށް (އާއްމުކޮށް ޖަހަން ފަށާނީ އޯގަސްޓް 16 އިން ފެށިގެން)

އެޗް.ޕީ.އޭއިން ވަނީ ސްކޫލްތަކުގެ ދަރިވަރުންނާއި މިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ނިންމި ކުދިން ފިޔަވާ، 12 އަހަރާއި 17 އަހަރުގެ ކުދިންނާއި މާބަނޑުމީހުންނާއި ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އެހެން ފަރާތްތައް ވެކްސިން ޖެހުމަށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދައިގެން ވެކްސިން ޖަހަންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ޖެހުމަށްދާއިރު އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓާއެކު ކަމާގުޅުންހުރި ލިޔެކިޔުންތައް ގެންދިއުމަށްވެސް އެ އެޖެންސީން އަންގަވާފައިވެއެވެ.