ބަންގްލަދޭޝުން ރާއްޖެއަށް 20،000 ގަސް ހަދިޔާކޮށްފިއެވެ.
މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަންގްލަދޭޝް ސަރުކާރުގެ ހަދިޔާކުރެއްވި ގަސްތައް ރާއްޖެއާއި ރަމްޒީގޮތުން ހަވާލުކޮށްދެއްވީ، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާންއެވެ. ރާއްޖޭގެ ފަރާތުން ގަސްތަކާއި ހަވާލުވެލެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފްއެވެ. ތިން ވަޒީރުންވެސްވަނީ މިއަދު ހަވީރު، ލޮނުޒިޔާރަތްޕާކުގައި ގަސް އިންދަވާދެއްވާފައެވެ.
މި ރަސްމިއްޔާތުގައި، ވާހަކަފުޅުދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ ބަންގްލަދޭޝްއިން ގަސް ގެނައުމަށް މަގުފަހިކުރުމަށް އެޤައުމުގެ ތިމާވެއްޓާއިބެހޭ ވަޒީރާއިއެކު މަޝްވަރާކުރެވުނުކަމަށާއި، އެ މަސައްކަތް ކާމިޔާބުކަމަށެވެ. ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ކަމެއް ފުރިހަމަކޮށްދެއްވުމަކީ ބަންގްލަދޭޝްއާ ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭކަމެއްކަމަށް ފާހަގަކުރައްވާ ވަޒީރުވަނީ އެ ޤައުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް މިކަމުގެ ސަބަބުން އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ މަޤްސަދަކީ 5 އަހަރު ތެރޭ 5 މިލިއަން ގަސް އިންދުން. އެ އަމާޒަށް ވާސިލްވާނެ އިރާދަކުރެއްވިއްޔާ." މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ތިމާވެއްޓާއި ގުޅުންހުރި ދާއިރާތަކުން ބަންގްލަދޭޝްއާއި ރާއްޖެއާއި އެކުގައި މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި ގަސްތަކަކީ ރާއްޖޭގެ ކުރިއަށް އޮތް ޖީލުތަކަށް ފައިދާވާނެކަމެއްކަމަށް ފާހަގަކުރައްވާ ވަޒީރުވަނީ ބަންގްލަދޭޝް ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.
"މި ގަސްތައް ހަވާލުކުރުމުގެ ރަމްޒެއްގެ ގޮތުން މި ހަވާލުކުރި 10 ގަހަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ ހެއްކެއް. ކުރިއަށް އޮތްތަނުގައި ވެސް ތިމާވެށި ހިމާޔަތްކުރުމަށް އަޅުގަނޑުމެން ދެ ޤައުމު ގުޅިގެން މަސައްކަތްކުރާނަން." ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ވިދާޅުވީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމަކީ ދުނިޔޭގެ ތިމާވެށީގެ އަސަރު ފަސޭހައިންކުރާ ޤައުމުތަކެއްކަން ފާހަގަކުރައްވާފައެވެ. މިއަދު ހަދިޔާކުރި ގަސްތަކުން ރަމްޒުކޮށްދެނީ ވިލުންތެރިކަމާއި އެކު ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަމުންދާ ދެ ޤައުމުގެ މަސައްކަތްކަމަށް ބަންގްލަދޭޝްގެ ޚާރިޖީ މިނިސްޓަރ ވިދާޅުވިއެވެ.
"ބަންގްލަދޭޝްއަކީ ސަޤާފީގޮތުން ވެސް އެކުވެރި ޤައުމުތަކަށް ގަސް ހަދިޔާކުރުމުގެ ތާރީހެއް އޮތް ޤައުމެއް. މިކަމުން ރަމްޒުކޮށްދެނީ ރާއްޖެއާއި ބަންގްލަދޭޝްއާއި އެކު އޮތް ގާތްގުޅުން." ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާން ވިދާޅުވިއެވެ.
މިއީ މިހާތަނަށް ރާއްޖެއަށް ބޭރު ޤައުމަކަށް އެންމެ ގިނައިން ގަސް ހަދިޔާކުރި ފަހަރެވެ. މީގެކުރިން ރާއްޖެއަށް ބޭރުޤައުމަކުން އެންމެ ގިނަ ގަސް ހަދިޔާކޮށްފައިވަނީ ލަންކާއިންނެވެ. އެއީ 1000 ގަހެވެ.
ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ގަސްތަކުގެ ތެރޭގައި ހިމެނެނީ ތިން ވައްތަރެއްގެ ގަހެވެ. އެއީ ހިޔާދޭ ގަސްގަހާއި، މާ އަޅާ ގަސްތަކުގެ އިތުރުން މޭވާ ގަސްތަކެވެ.