ޚަބަރު

މާޒިޔާގެ ނަތީޖާތަކުން ބެންގަލޫރަށް އަސަރު ނުކުރާނެ: ޗެތްރީ


އެންމެ ފަހުން ބެންގަލޫރާއި ރާއްޖެ ކުޅުނު މެޗުން ބަލިވިނަމަވެސް، މިމެޗަށް އެކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބެންގަލޫރު ޓީމްގެ ކެޕްޓަން ސުނިލް ޗެތްރީ ބުނެފިއެވެ.

އޭއެއެފްސީ ކަޕްގެ ޕްލޭ އޯފްގައި ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަ ކުރާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އެޓީމްގެ ކެޕްޓަން ސުނިލް ޗެތްރީ ބުނީ މާޒީގައި ކަންތައްތައް ވެފައިވާ ގޮތަށް ބަލަން ބޭނުން ނުވާކަމަށާއި އެމެޗްތަކުގެ އަސަރު މިމެޗަށް އެއްވެސް ވަރަކަށް ނުކުރާނެކަމަށެވެ. ބެންގަލޫރުން އޭއެފްސީ ކަޕްގައި މިހާތަނަށް ރާއްޖޭގެ ތިން ކްލަބަކާ ދެކޮޅަށް ޖުމްލަ 10 މެޗު ކުޅެފައިވެއެވެ. 7 މެޗުން ބެންގަލޫރު މޮޅުވެފައިވާއިރު، އެންމެ ފަހުން ކުޅުނު ތިން މެޗުން އެޓީމްވަނީ ބަލިވެފައެވެ. އެއީ 2018 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ނިއު އަތުންނާއި މިދިޔަ އަހަރުގެ މުބާރާތުގެ ކޮލިފައިން ޕްލޭއޮފްގެ ދެ ލެގުގައިވެސް މާޒިޔާ އަތުންނެވެ. މިކަމަށް އިޝާރާތްކޮށް އެޓީމްގެ ކެޕްޓަން ސުނިލް ޗެތްރީ ބުނީ މީގެ ކުރިން ކުޅެފައިވާ މެޗްތަަކުގެ ނަތީޖާއަކީ މިހާރު އެއްވެސް އެއްޗެއް ނޫންކަމަށާއި މިދިޔަ އަހަރު ބެންގަލޫރަށް ދަށް ނަތީޖާތަކެއް ލިބުނީ ޓީމަށް ރަނގަޅަށް ނުކުޅެވިގެންކަމަށެވެ. ޗެތްރީ ބުނީ މިމެޗަށް ބެންގަލޫރު ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށާއި ކުލަބް އީގަލްސްގެ ކަންތައްތަކަށް ނުބަލާ ބެންގަލޫރުން މަސައްކަތް ކުރާނީ މެޗުން މޮޅުވެގެން ގުރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ކަމަށެވެ.

" ކުރިން މެޗްތަކުގައި ނިކުމެފައިވާ ނަތީޖާތަކަކީ މިހާރު އެއްވެސް ބޭނުން އެއްޗެއް ނޫން. ޖެހިޖެހިގެން 7 މެޗުން މޮޅުވެފަ، 8 ވަނަ މެޗުން ބަލިވެސް ވެދާނެ. އޭގެ މާނައަކީ ދެން ކުޅޭ ހުރިހާ މެޗްތަކުން ބަލިވުމެއް ނޫން. އަދި ކުރިން ރާއްޖޭގެ ޓީމްތަކާއި ކުޅެފައި ހުރި މެޗްތަކާއި އަޅާ ނުކިޔޭނެ އެންމެ މައިގަނޑު އެއް ސަބަބަކީ ބެންގަލޫރުން ކައިރި ކައިރީގައި ރާއްޖޭގެ ޓީމްތަކާއި ކުޅެފައިނުވާކަން. ކޮންމެ ހަފްތާއަކު ކުޅޭނަމަ، ފަހަރުގައި ނަތީޖާ އަޅާ ކިއުނީސް. ނަމަވެސް އެހެންނެއް ނޫން ކަންތައްތައް މިއޮތީކީ. އީގަލްސް ތައްޔާރުވި ވަރެއް އަހަންނަކަށް ނޭނގޭ، ނަމަވެސް ބެންގަލޫރުން މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވިން." ކެޕްޓަން ޗެތްރީ ބުންޏެވެ.

ބެންގަލޫރު ޓީމްގެ ކޯޗް މާކޯ ޕެޒޯލީ ބުނީ ފާއިތުވެގެންދިޔަ 4 ހަފްތާގައި ކުރެވުނު ތަމްރީންތަކުން ޓީމް މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުކުރެވިއްޖެ ކަމަށާއި ޓީމް އޮތީ ވަރަށް ރަނގަޅު ހާލަތުގައިކަމަށެވެ.

އީގަލްސް އާއި ބެންގަލޫރު އެފްސީ ކުޅޭ ޕްލޭއޯފް މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގައެއް ލިބިގެންދާނެއެވެ. ގުރޫޕް ޑީގައި މިވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއަން ސުޕަ ލީގުގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަންކަން މި ސީޒަނުގައި ވެސް ހޯދި ބަޝުންދުރާ ކިންގްސްއެވެ.