ޚަބަރު

ދިއްދޫއިން ހައުސިން ޔުނިޓް ލިބޭ ފަރާތްތައް ކަނޑައެޅުން


ސަރުކާރުގެ ބޯހިޔާވަހިކަމުގެ
ސިޔާސަތުގެ ދަށުން ހއ.ދިއްދޫގައި އަޅާ ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް
ކަނޑައެޅުއްވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް
ދިއްދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.



ދިއްދޫގައި 250 ހައުސިން ޔުނިޓް
އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، އޭގެތެރެއިން 240 ހައުސިން ޔުނިޓްގެ މަސައްކަތް
އެއްކޮށް ވަނީ ނިމިފައެވެ.



ދިއްދޫ ކައުންސިލްގެ ރައީސް
އިބްރާހިމް ޝިނާން ވިދާޅުވީ، މިދިޔަ ޖުލައި މަހުގެ ތެރޭގައި  150 ހައުސިން ޔުނިޓަށް ފޯމު ހުށައެޅުމަށް
އިޢުލާން ކުރިކަަމަށާއި، މުއްދަތު ހަމަވިއިރު، 
436 ފަރާތަކުން  ފޯމު
ހުށައަޅާފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ފޯމު ޕްރޮސެސް ކުރުމުގެ މަސައްކަތް
ކަމަށާއި، އެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާ ތެރޭ ނިންމާލެވޭނެ ކަމަށް އޭނާ
ވިދާޅުވިއެވެ. އަދި ޑިސެމްބަރު މަހުގެ ނިޔަލަށް ހައުސިން ޔުނިޓްތައް ލިބޭ
ފަރާތްތަަކުގެ ވަގުތީ ލިސްޓް އެެކުލަވާލެވިގެންދާނެ ކަމަށްވެސް ޝިނާން ވިދާޅުވިއެވެ.




ހައުސިން ޔުނިޓްތަކަށް މީހުން
ބަދަލުވުމުގެ ކުރިން، ނަރުދަމާފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް
ސަރުކާރުން އެކި ކުންފުނިތަކާއި ހަވާލުކުރައްވާފައިވާ ކަމަށް ޝިނާން ވިދާޅުވިއެވެ.




ބޯހިޔާވަހިކަމުގެ ސިޔާސަތުގެ
ދަށުން ދިއްދޫގައި އަޅާ ހައުސިން ޔުނިޓްތަކަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް
އުސޫލުން ނޫމަޑި ކޮންސްޓްރަކްޝަން އަދި ތަނބުުރުމާ ޕްރައިވެޓް ލިމިޓެޑުން އަޅަމުންދާ
ހައުސިން ޔުނިޓްތަކެއްކަމަށެވެ.



މިހާރު އިއުލާންކޮށްފައިވާ 150 ހައުސިން
ޔުނިޓްގެ އިތުރުން ދެންހުރި 100 ހައުސިން ޔުނިޓް ޚާއްސަކުރެވިފައިވަނީ
އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ދިއްދޫއަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް
ކަނޑައެޅޭ 60 ހައުސިން ޔުނިޓާއި، ވިޔަފާރި އުސޫލުން ވިއްކާ 40 ހައުސިން ޔުނިޓެވެ.