ޚަބަރު

ޗެމްޕިއަން ބަޔާން ފުރަތަމަ މެޗުން އެއްވަރު!


ޖަރުމަން ލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކު އާ ސިންޒަންގައި ކުޅުނު ފުރަތަމަ މެޗް އެއްވަރުވެއްޖެއެވެ.

ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ ވާދަކުރި މެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ. ކޯވިޑް-19ގެ ދަތި ހާލަތުގެ ތެރޭގައި ފެށި ޖަރުމަންބުންޑަސް ލީގްގެ އާސީޒަންގެ ފުރަތަމަ މެޗަށްވެސް ވަނީ ވަރަށް ގިނަ ސަޕޯޓަރުން ވައްދާފައެވެ.

މުންޗެންގްލަޑްބެކުގެ ދަނޑުގައި ކުޅުނު މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނެގީވެސް މުންޗެންގްލަޑްބެކުންނެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މެޗްގެ 10ވަނަ މިނެޓްގައި އަލެސާނާ ޕްލެއޭއެވެ. ދެ ޓީމްގެ ފަރާތުންވެސް ވާރަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާންއިންވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތު ކޮޅުގެ ތެރޭގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ ޖަރުމަނު ލީގުގެ ކޮންމެ އާ ސީޒަނެއްގެ ފުރަތަމަ މެޗުގައި ޖެހިޖެހިގެން ލެވަންޑޯސްކީ ލަނޑު ޖެހި 7 ވަނަ ސީޒަނެވެ.

މެޗްގެ ދެވަނަ ހާފްގައި ދެ ޓީމްއަށްވެސް ލީޑް ނެގުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން މުންޗެންގްލަޑްބެކްގެ ސްޓިންޑްލްއަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރުގައި ބަޔާންގެ ލެވަންޑޮސްކީއަށް ލިބުނު ފުރުސަތުގެ ބޭނުންވެސް އޭނާއަށް ހިފިފައެއް ނުވެއެވެ. މިއީ އެންމެ ފަހުގެ ޗެންޕިއަން ބަޔާން މިއުނިކްގެ އާ ކޯޗް ހޫލިއަން ނާގަލްސްމަންގެ ކޯޗްކަމުގެ ދަށުން ބަޔާން ލީގްގައި ކުޅުނު ފުރަތަމަ މެޗްއެވެ. ބަޔާން ކުޅޭ ދެވަނަ މެޗްގައި އެޓީމް ނިކުންނާނީ ޖަރުމަނު ސުޕަ ކަޕްގައި ޑޯޓްމަންޑާ ދެކޮޅަށެވެ.