ޚަބަރު

އުނދަގުލާއެކުވެސް އޯލެވެލްގަ ރަނގަޅު ނަތީޖާތަކެއް


ކޯވިޑްއާއި ގުޅިގެން ވޭތުވެދިޔަ ދޮޅު އަހަރު ތަޢުލީމީ ދާއިރާއިންވެސްވަނީ، ހީނުކުރާފަދަ ދަތި ތަޖުރިބާތަކެއްކޮށްފައެވެ. މުދައްރިސުންނާއި ދަރިވަރުންނާ ބައްދަލުނުވެ އެތައް ދުވަހެއްވަނީ ހޭދަކޮށްފައެވެ. އެހެންނަމަވެސް ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ދަރިވަރުންނާއި ޓީޒަރުންނާއި ބެލެނިވެރިން ކުރި ބުރަ މަސައްކަތުގެ ފޮނިކަން އޯ-ލެވެލް އިމްތިހާނުގެ ނަތީޖާއިންވަނީ ފެނިގެންގޮސްފައެވެ.

ވޭތުވެދިޔަ ދޮޅު އަހަރެއްހާ މުއްދަތަކީ ތަޢުލީމީ ދާއިރާއަށް ދަތި އުނދަގޫ ދުވަސްތަކެކެވެ. އަހަރުގެ ބޮޑުބައެއްގަ ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރީ އޮންލައިންކޮށެވެ. މުދައްރިސުންނާ އެކުވެރިންނާ ބައްދަލު ނުވެއެވެ. ތަޢުލީމީ ނިޒާމަށް ކުރިމަތިވި ގޮންޖެހުމުގެ އެންމެ ބޮޑު ތަކުލީފެއް އުފުލީ ގްރޭޑް 10ގަ ކިޔަވަމުންދިޔަ، އެ ދަރިވަރުންގެ ސާނަވީ ހަޔާތުގެ ފަހު އިމްތިހާނަށް ތައްޔާރުވަމުން ދިޔަ ދަރިވަރުންނެވެ.

މުދައްރިސުންނާ ބައްދަލުވެ ފިލާވަޅު އޮޅުންފިލުވުމާ، އަދި ޢަމަލީ މައިދާނުން ދަރިވަރުން ހޯދަންޖެހޭ ކިޔެވުމުގެ ތަޖުރިބާތަކުން އެ ދަރިވަރުން މަހްރޫމުވިއެވެ. ކިޔެވުމަށް ކުރިމަތިވި ހުރަހާއެކު، މިދިޔަ އަހަރު ފަހުކޮޅަށް ތާވަލްކުރި އޯލެވެލް އިމްތިޙާނު ކުރިއަށްގެންދިޔައީ މިއަހަރުގެ ޖޫންމަހުއެވެ. ނަމަވެސް ދަރިވަރުންނާއި މުޅި ދާއިރާގެ ހިތްވަރު، މި ކުދިންގެ ސާނަވީ ނަތީޖާތަކުންވަނީ ފެނިގެންގޮސްފައެވެ. އޯލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރަން މިހާރުވަނީ ފަށާފައެވެ.

މާލެއާ އަތޮޅުތައް ހިމެނޭހެން ޖުމްލަ 5955 ދަރިވަރުން އިމްތިޙާނު ހަދާފައިވެއެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސްކޫލްތަކުން 2196 ދަރިވަރުންނާއި، އަތޮޅުތަކުގެ ސްކޫލްތަކުގެ 3759 ދަރިވަރުންނެވެ. އުނދަގުލާއެކުވެސް އިމްތިހާނުތަކުން ސްކޫލްތަކުގެ ދަރިވަރުންވަނީ ރަނގަޅު ނަތީޖާތައް ހޯދާފައެވެ. މާލޭގެ ސްކޫލްތަކެކޭ އެއްގޮތަށް އަތޮޅުތަކުގެ ސްކޫލްތަކުންވެސްވަނީ މޮޅެތި ނަތީޖާތައް ހޯދާފައެވެ.

މާއްދާތަކުން "އޭ"، "އޭ-ސްޓަރ" ހޯދައިގެން ގަދަ ދިހަޔަކުން ރާއްޖޭގެ އެކި ސްކޫލްތަކުގެ ދަރިވަރުން ޖާގަ ހޯދާފައިވާކަން އެސްކޫލްތަކުން ހާމަކޮށް އެ ސްކޫލްތަކުންދަނީ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރަމުންނެވެ. އަދި ކުރިމަގުގަ އެހެން ކުދިންނަށް ނަމޫނާއަކަށްވެ، އެގޮތުގަ މަސައްކަތް ކުރުމަށް ހިތްވަރުދެމުންނެވެ. ނަމަވެސް ގަދަ ދިހައެއްގައި ހިމެނޭ ކުދިންގެ އެއްވެސް ތަފްސީލެއް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކޮށްފައި ނުވާއިރު އެމިނިސްޓްރީން ވިދާޅުވީ އިމްތިހާނާގުޅޭ އިވެލުއޭޝަންތައް އަންނަ ހަފްތާގެތެރޭގަ މިނިސްޓްރީން ފަށާނެކަމަށެވެ.

މިއީ ސްކޫލް ކްލާސްރޫމާ، އޮންލައިން ކްލާސްތަކުގެ މަދު ވަގުތުކޮޅުގަ ޓީޗަރުން ނަގައިދިން ފިލާވަޅުތައް ކަނުލާ އަޑުއަހާ ދަރިވަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ގޭގަ މައިންބަފައިން އިތުރު ހިތްވަރެއް ދަރިވަރުންނަށް ލައިދީ، ގޭގެ މާޙައުލަކީ ދަރިވަރުންނަށް ކިޔެވުމަށް ފަހި މާޙައުލަކަށް ހަދައިދިނުމުގެ ނަތީޖާއެވެ.
ދަރިވަރުންގެ މިފަހަރުގެ ނަތީޖާއިން ފެނިގެންދަނީ، ގަދަ ޢަޒުމާ ހިތްވަރުގަ މަސައްކަތްކޮށްފިނަމަ، ކޮންމެ ޙާލަތެއްގަވެސް ކާމިޔާބީއަށް ވާސިލްވެވޭނެކަމެވެ.