ޚަބަރު

މާޒިޔާ އާއި ޖިއްދާ އެފްސީ ބައްދަލު ކުރި މެޗް އެއްވަރު


އޭއެފްސީ ކަޕަށް ތައްޔާރުވުމަށް މާޒިޔާއިން ސައުދީ އަރަބިއްޔާގައި ކުރަމުންދާ ކޭންޕްގައި ކުޅުނު އެކުވެރިކަމުގެ މެޗްގައި މާޒިޔާ އާއި ސައުދީ އަރަބިއްޔާގެ ޖިއްދާ އެފްސީ ބައްދަލުކުރި މެޗް އެއްވަރު ވެއްޖެއެވެ. މިއީ މާޒިޔާއިން ސައުދީގައި ކުޅުނު ތިންވަނަ މެޗެވެ. މިމެޗް އެއްވަރުވެފައިވަނީ 2 ލަނޑު 2 ލަނޑުންނެވެ. މިމެޗްގައި މާޒިޔާއިން ޖެހި 2 ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 2ވަނަ ހާފްގައި އިބްރާހިމް ވަހީދު ހަސަންއެވެ.

މާޒިޔާއިން ސައުދީގައި ކުރަމުންދާ 10 ދުވަހުގެ ކޭންޕްގައި ކުޅުނު ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ އަލް-އިއްތިހާދުގެ 19 އަހަރުން ދަށުގެ ޓީމާއެވެ. މިމެޗް މާޒިޔާ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ. ދެވަނަ މެޗްގައި ސައުދީގެ ޕްރޯ ލީގުގެ ކްލަބެއްކަމަށްވާ އަލް ވަހްދާއާއެކު ކުޅުނު މެޗްވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. މާޒިޔާއިން ކުޅުނު ތިންވަނަ މެޗްގައި މާޒިޔާއިން ފަހަތުން އަރާ ދެ ގޯލް ޖަހާ މެޗްވަނީ އެއް ވަރުކޮށްފައެވެ. މެޗްގެ ދެވަނަ ހާފްގައި މާޒިޔާއިން ޖެހި ދެ ގޯލް އިއްބެ ޖަހާފައިވާއިރު، އިއްބެ ކުޅެން އަރާފައިވަނީވެސް މެޗްގެ ދެވަނަ ހާފްގައެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގެ މެޗްތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި ގުރޫޕްގައި ހިމެނެނީ ރާއްޖޭގެ ޗެންޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއެވެ. އަދި މި ގުރޫޕްގެ ފަހު ޖާގަ ލިބޭނީ މިއަންނަ އާދިއްތަ ދުވަހު ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.