ޚަބަރު

ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ މައްސަލަތަކާއި މެދު މަޝްވަރާކުރައްވައިފި


ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ މައްސަލަތަކާއި މެދު ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ އައްޑޫ ސިޓީގެ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންނާ މަޝްވަރާކުރައްވައިފިއެވެ.

އައްޑޫ ސިޓީއަށް މިނިސްޓަރ ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އިއްޔެ ހިތަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި، ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާއި އަނިޔާ ލިބޭ ކުޑަކުދިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ދިމާވާ މައްސަލަތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުންނާ މަޝްވަރާކުރެއްވިއެވެ.

އަދި ޖެންޑަރ މިނިސްޓްރީއާއި ފުލުހުން ގުޅިގެން މަސައްކަތް ކުރާނެ ދާއިރާތަކެއްވެސްވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން، ކުށުގެ ވެށީގައި އުޅޭ ކުދިންނާއި އަނިޔާލިބޭ ކުދިން ދެނެގަނެ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް މަޝްވަރާކުރެއްވިއެވެ. އަދި ކުޑަކުދިން ކުށުގެ ވެށިން ދުރުހެލިކުރުވައި އަނބުރާ މުޖުތަމައަށް ގެނައުމަށް މަސައްކަތް ކުރުމުގެ އިތުރުން ފުލުހުންނާއި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ ހިމެނޭގޮތަށް އާއިލާތަކާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރުމަށްވެސް މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު އާޠިފްއާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިންޗާޖުންގެ އިތުުރުން ޖެންޑަރ މިނިސްޓްރީގެ ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.