ޚަބަރު

ފަޔަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން ފޯޑަން 4 ހަފްތާއަށް ކުޅުމާއި ދުރަށް


އިންގްލަންޑްގެ ޒުވާން ކުޅުންތެރިޔާ ފިލް ފޯޑަންގެ ފަޔަށް ލިބިފައިވާ އަނިޔާއަކާއި ގުޅިގެން ކުރިއަށް އޮތް ހަތަރު ހަފްތާ ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށް މަޢުލޫމާތުލިބިއްޖެއެވެ. ފޯޑަންގެ ފަޔަށް އަނިޔާވެފައިވަނީ ޔޫރޯގައި އިންގްލަންޑް ޓީމަށް ކުޅެނިކޮށެވެ.

މިއަނިޔާ އާއި ގުޅިގެން އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ ކުޅޭ ފުރަތަމަ ތިން މެޗްގައި ފޯޑަންއަށް ނުކުޅެވޭނެއެވެ. އެތިން މެޗަކީ ޓޮޓްނަމް ހޮޓްސްޕަރ އާއި ނޯވިޗް ސިޓީ އާއި އާސެނަލްއާއެކު ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ. އަދި މިއަންނަ މަހު ވާރލްޑް ކަޕް ކޮލިފައިންގ ގައި އިންގްލަންޑާއި ހަންގޭރީ ބައްދަލުކުރާ މެޗްވެސް ފޯޑަންއަށް ގެއްލޭނެކަމަށް ވަނީ ބެލެވިފައެވެ. ފޯޑަން ހާމަކުރިގޮތުގައި ކުޅުމާއި ދުރުގައި ހުންނަށް ޖެހޭތީ ވަރަށް އުނދަގޫ ކަމަށާއި ބޭނުންވަނީ އަވަހަށް ކުޅުމުގެ ތެރެއަށް އެނބުރި އައްނަން ކަމަށެވެ. ފޯޑަން ހާމަކުރިގޮތުގައި އޭނާގެ ފަޔަށް އަނިޔާ ވެފައިވަނީ ޔޫރޯ ފައިނަލްގެ ކުރިން ފަރިތަކުރުންތަކުގެ ތެރޭގައި ފައި ފުރޮޅިގެންނެވެ. ސިޓީން މަޢުލޫމާތުދޭގޮތުގައި ފޯޑަންއަށް އެންމެ އަވަހަށްވެސް ކުޅެވޭނެކަމަށް ބެލެވެނީ ސެޕްޓެމްބަރ 11 ވަނަ ދުވަހު ލެސްޓަރ ސިޓީ އާއެކު ކުޅޭ މެޗެވެ. މީގެއިތުރުން ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި ފުރަތަމަ މެޗްގައި ކެވިން ޑި ބްރުއިނަރވެސް ނުފެންނާނެއެވެ. އޭނާގެ ފަޔަށްވެސް ވަނީ ޔޫރޯގެ ތެރޭގައި އަނިޔާވެފައެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަނަށް ވީތީ މިސީޒަންގައި ހުރިހާ މެޗެއްވެސް ވަރަށް އުނދަގޫ ވާނެކަމަށާއި ހުރިހާ ޓީމެއްވެސް ބޭނުންވާނީ ސިޓީ ބަލިކުރަން ކަމުގައި ފޯޑަން ހާމަކުރިއެވެ. އަދި ސިޓީއިން ބޭނުންވަނީ މިދިޔަ ސީޒަނެކޭ އެއްގޮތަށް މޮޅު ކުޅުމެއް ދައްކާ ލީގު ކާމިޔާބު ކުރަން ކަމަށްވެސް ފޯޑަން ބުނެފައިވެއެވެ.