ކުޅިވަރު

ޕްލޭއޯފް މެޗަށް ބެންގަލޫރު މާލެ އަތުވެއްޖެ


އޭއެފްސީ ކަޕްގެ ޕްލޭއޯފް މެޗަށް އިންޑިޔާގެ ބެންގަލޫރު އެފްސީ މާލެ އަތުވެއްޖެއެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީއިން ޖާގައެއް ހޯދުމަށް ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިޔާގެ ގަދަ ބާރު ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ މިއަންނަ އާދިއްތަ ދުވަހުއެވެ. ރާއްޖެ އައިސް ބެންގަލޫރު ޓީމް ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ ހުޅުލޭ އައިލެންޑް ހޮޓެލުގައެވެ. މިއަންނަ އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޕްލޭއޯފް މެޗަށް ކުލަބް އީގަލްސްވެސް އަންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުންނެވެ. މިމެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕުން ޖާގައެއް ލިބިގެންދާނެއެވެ. މި ގުރޫޕްގައި މިވަގުތު އޮތީ ރާއްޖޭގެ ލީގް ޗެމްޕިއަން މާޒިޔާ އާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަދި އިންޑިއާގެ މޯހަން ބަގާންއެވެ.

މެއި މަހުގެ 11ވަނަ ދުވަހުވެސް ބެންގަލޫރު އާއި އީގަލްސް މެޗް ކުޅުމަށް ތާވަލްކޮށް، ބެންގަލޫރު ޓީމް މާލެވެސް އައެވެ. ނަމަވެސް އެމެޗް ނުކުޅެވުނީ އޭރު މާލޭގެ ކޯވިޑް-19ގެ ހާލަތު އޮތް ގޮތުންނާއި އެޗްޕީއޭ އަދި އޭއެފްސީއިން ނިންމާފައިވާ ގައިޑް ލައިންގެ ދަށުން ޓީމްގެ އެއްވެސް ކުޅުންތެރިއަކަށް އަދި އޮފިޝަލަކަށްވެސް ހޮޓަލުން ބޭރަށް ނިކުމެވޭނީ ހަމައެކަނި ފަރިތަކުރުންތަކަށާއި މެޗަށް އެކަނިކަމަށްވެސް ބުނެފައެވެ. ނަމަވެސް ބެންގަލޫރު ޓީމްގެ ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނިކުތުމާއި ގުޅިގެން އުފެދުނު ކަންތައްތަކާއި ގުޅިގެން އޭއެފްސީން މެޗް ފަސްކޮށް، އިންޑިޔާގެ ޓީމް ފުރުމަށް އެންގިއެވެ.

މިލިބުނު ވަގުތާއެކު ކުލަބް އީގަލްސްއިންވަނީ އެޓީމް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ވަރަށް ގިނަ ތަޖްރިބާކާރު ކުޅުންތެެރިންތަކެއް ޓީމްއަށް ގެނެސްފައެވެ. އޭގެ ތެރޭގައި ގައުމީ ޓީމްގެ ކުރީގެ ކެންޓަން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް އާއި ގައުމީ ޓީމްގެ މިހާރުގެ ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އާއި އަހުމަދު އާރިފް، އިސްމާއީލް އީސާ އަދި އަލީ ފާސިރު ފާހަގަކޮށްލެވެއެވެ. މިއާއެކު އިންޑިޔާގެ ބެންގަލޫރު އެފްސީއިންވެސްވަނީ އެޓީމް ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ.

އޭއެފްސީ ކަޕުގެ ޕްލޭއޮފް މެޗަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ މި މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ. ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެވިގެންދާނީ މާލޭގައެވެ.