ޚަބަރު

ސާފް ޗެމްޕިއަންޝިޕް: ދަނޑަށް މީހުން ވެއްދުން ވެކްސިންއާއި ގުޅިފަ


އޮކްޓޯބަރު މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕްގެ ފޯރި ވެކްސިންއާއި ވަރަށް ބޮޑަށް ގުޅިފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ. އަވަށްޓެރި އިންޑިޔާ އާއި ނޭޕާލް އާއި ރާއްޖެއިން މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ޝައުގުވެރިކަން ފާޅު ކުރިނަމަވެސް، އެންމެ ފަހު ވަގުތު ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ބިޑްކޮށްފައިވަނީ ނޭޕާލް އާއި ދިވެހިރާއްޖެއިންނެވެ. މިސަރައްހައްދުގެ އެހެން ގައުމުތަކުގައި ކޯވިޑް-19ގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ ކޯވިޑްގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުވެފައިވުމުން، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނީކަމަށްވަނީ ބެލެވިފައެވެ.

މީގެ ކުރިން 2008ވަނަ އަަހަރު ރާއްޖެ އާއި ސްރީލަންކާ ގުޅިގެން ސާފް ޗެމްޕިއަންޝިޕްވަނީ ބާއްވާފައެވެ. ނަމަވެސް މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ލިބިފައިވަނީ ރާއްޖެއަށް އެކަންޏެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އާއި ބެހޭގޮތުން ޕީއެސްއެމްގެ ކުޅިފަސް ޕްރޮގްރާމްގައި ވާހަކަދައްކަމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ ރާއްޖޭގައި ސާފް ޗެންޕިއަންޝިޕް ބޭއްވުމަށް ފުރުސަތު ލިބިފައިވާއިރު، ވިހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވެއްދުމަކީ އެފްއޭއެމްގެ އަމާޒްކަމަށެވެ. މާލޭގައި ކޯވިޑްގެ ކޭސްތައް މަދުވުމާއި ގުޅިގެން އެޗްޕީއޭއިން މިހާރުވަނީ ރާއްޖެ އާއި ޚާއްސަކޮށް މާލެ ސަރައްހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ވަރަށް ބޮޑު ލުޔެއް ދީފައެވެ. އަދި ވެކްސިން ޖެހޭ އުމުރުގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ޖެހުމަށް ސަރުކާރުންވަނީ އިލްތިމާސްކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީންވެސް އަންނަނީ 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ޖެހުމަށްޓަކައި ސްކޫލްތަކުން ކުރަންޖެހޭ މަސައްކަތްތަކެއް ކުރަމުންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ ވިހާވެސް ގިނަ ރައްޔިތުން ވެކްސިންޖަހާ އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލްކޮށް، ރާއްޖޭގައި ޚާއްސަކޮށް މާލެ ސަރައްހަދުގައި ކޯވިޑްގެ ކޭސްތައް މަދުކުރުމަށް މަސައްކަތް ކުރުމަކީ ސާފް ޗެމްޕިއަންޝިޕްގެ މެޗްތައް ބަލަން ދަނޑަށް ވީހާވެސް ގިނަ މީހުން ވެއްދުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއްކަމަށެވެ. އެފްއޭއެމްއިން މުބާރާތް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ސަޕޯޓަރުން ނުލާ މެޗްތައް ކުޅެން ޖެހިދާނެކަމުގެ ބިރުވެރިކަމެވެ. ނަމަވެސް ޖަވާޒް ވިދާޅުވީ ހުރިހާ ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން ދަނޑަށް މީހުން ވެއްދިދާނެކަމަށެވެ. ކޯވިޑުގެ ކޭސްތައް މަދުކުރުމަށްޓަކައި ވެކްސިންޖެހޭ ހުރިހާ ރައްޔިތުން ވެކްސިން ފުރިހަމަ ކުރުމަށް އެފްއޭއެމްއިން އިލްތިމާސްކުރެއެވެ. ޖަވާޒް ވިދާޅުވީ ފުޓްބޯޅައަކީ ސަޕޯޓަރުންނާއި ނުލާ ކުޅޭއިރު ވަރަށް ފޯރި ކުޑަ ކުޅިވަރެއްކަމަށާއި ފުޓްބޯޅަ މުބާރާތް ނުވަތަ ފުޓްބޯޅަ މެޗެއް ފުރިހަމަވަނީވެސް ސަޕޯޓަރުންނާއެކުކަމަށެވެ. އެހެންކަމުން އެޗްޕީއޭއާއި ވާހަކަދައްކައިގެން ޚާއްސަ ގައިޑްލައިނެއްގެ ދަށުން ސަޕޯޓަރުން ދަނޑަށް ވެއްދުމަށް އެފްއޭއެމްއިން މަސައްކަތް ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަންނަ އޮކްޓޯބަރު 1ކުން 13އަށް ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް އެފްއޭއެމްއިން މަސައްކަތް ކުރަމުންދާއިރު، ކޯވިޑުގެ ސަބަބުން ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތިންވަނަ ބުރު ކެންސަލްކޮށް، އެފްއޭކަޕް އާއި ޕްރެޒިޑެންސް ކަޕްވަނީ ކެންސަލްކޮށްފައެވެ.