ޚަބަރު

ބްރިޖްގެ މަސައްކަތައް ލޮނުޒިޔާރަތްކޮޅަށް ބޮޑު ބަދަލެއް


މާލެއާއި ހުޅުމާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އެޅުމުގެ މަސައްކަތަށް ބޭނުންވާ ސައިޓް ހެދުމަށް ލޮނުޒިޔާރަތްކޮޅު ސަރަހައްދުން ބޮޑު ބައެއް ބަންދުކޮށް އެ ސަރަހައްދުގެ ޓްރެފިކަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.މި ބަދަލުތަކުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި، އެއްކޮޅަށް ދުވާ މަގުތައް މިހާރުވަނީ ދެކޮޅަށް ދުއްވާ މަގުތަކުގެ ގޮތުގައި ބަދަލުކޮށް ބޭނުންކުރަން ފަށާފައެވެ. އެގޮތުން މޫން ލައިޓް ހިނގުން، އަމީނީ މަގުން ފެށިގެން ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައިވަނީ ބަދަލު ކޮށްފައެވެ. އަދި ހިތިގަސް މަގު މޫންލައިޓް ހިނގުމުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައިވަނީ ބަދަލޮކޮށްފައެވެ. ބްރިޖްގެ މަސައްކަތް ނިމެންދެން އެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމަވާފައެވެ. ބްރިޖްގެ މަސައްކަތްކުރުމަށް ބިޑް ކާމިޔާބު ކޮށްފައިވާ، ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިންގ ގެ ކޮންޓްރެކްޓަރުން މާލެ އައިސް މޯބިލައިޒޭޝަންގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އަދި ޗައިނާ ސަރުކާރާއެކު ސޮއި ކުރަންޖެހޭ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް މި ޑިސެމްބަރު މަހުގެ މެދުތެރޭގައި ޗައިނާ ސަރުކާރުގެ ވަފުދެއް ރާއްޖެއައުމަށް ވަނީ ހަމަޖެހިފައެވެ.ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫއަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު، އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީކަމަށާއި، އަދި 85 މިލިއަން ޑޮލަރަކީ، ޗައިނާ ސަރުކާރުގެ ކޮންސެޝަނަލް ލޯނެއް ކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައި. ބާކީ 15 މިލިއަން ޑޮލަރު ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރެއްވުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.