ޚަބަރު

ދިއްދޫގެ މޮނިޓަރިންގެ ހާލަތު އުވާލިނަމަވެސް، ރަށުން ފުރޭނީ ކޮވިޑަށް ޓެސްޓު ކުރުމަށްފަހު


ދިއްދޫގެ މޮނިޓަރިންގެ ހާލަތު އުވާލިނަމަވެސް، އެރަށުން ފުރޭނީ ކޮވިޑަށް ޓެސްޓު ކުރުމަށްފަހުކަމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދިއްދޫ މޮނިޓަރިންގެ ހާލަތުގައި އޮތުމަށް ފަހު، ރޭގެ ވަގުތެއްގައި ވަނީ އެރަށް މޮނިޓަރިން ނަގާފައެވެ. އެޗްޕީއޭއިން ދިއްދޫ މޮނިޓަރިން ހާލަތުން ނަގާފައިވަނީ ވަކި ޝަރުތު ތަކަކާއެކުއެވެ. އެގޮތުން ރަށުގެ އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ދެވެންދެން ރަށުން ފުރާ މީހުންގެ ސާމްޕަލް ނަގަން ޖެހޭނެ ކަމަށް ވަނީ އަންގާފައެވެ. އަދި ކުރިއަށް އޮތް 7 ދުވަސް ތެރޭގައި ރަށުގެ އާބާދީގެ ފަސް ޕަސެންޓް މީހުންގެ ރެންޑަމް ސާމްޕަލް ނަގަންވާނެކަމަށްވެސް އެޗްޕީއޭއިން އަންގާފައިވެއެވެ.

މިދިޔަ ހަފްތާގައި ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރުން އާންމުކުރި، ރަށްރަށުގެ ވެކްސިން ޖަހާފައިވާ މީހުންގެ އަދަދުތަކުން ދައްކާ ގޮތުގައި ދިއްދޫގެ 18 އަހަރުން މަތީގެ އާބާދީން ވެކްސިން ފުރިހަމަކޮށްފައި ވަނީ އެންމެ 39 ޕަސެންޓް މީހުންނެވެ.

ދިއްދޫއިން އެންމެ ފަހުން ކޮވިޑްގެ ކޭސްއެއް ފެނިފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން އާއްމުކޮށްފައިިވާ މައުލުމާތަށް ބަލާއިރު، ކޮވިޑްގެ މިކޭސްއާއި ގުޅިގެން މިއަދާއި ހަމައަށް އެރަށުން 27 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެރަށް މޮނިޓަރިންގ ހާލަތުން ނެގުމަށްޓަކައި ނެގި 214 ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ.