ޚަބަރު

މެސީ ޕީއެސްޖީއަށް ސޮއިކޮށްފި


ދުނިޔޭގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލްކުރާ އެއް ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފަރަންސޭސި ލީގް އާންގެ އެންމެ ފާހަގަ ކޮށްލެވޭ ކްލަބްކަމަށްވާ ޕެރިސް ސެއިންޓް ޖަރމެއިންއަށް ސޮއިކޮށްފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މެސީ ޕީއެސްޖީއަށް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ކަށުންނެވެ.

މިއެއްބަސްވުމުގެ ދަށުން އިތުރުއަހަރަކު މަޑު ކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. މެސީ ޕީއެސްޖީއާއި މިގުޅުނީ އޭނާ މިހާތަނަށް ކުޅޭމުންދިޔަ ކްލަބް ކަމަށްވާ އެފްސީ ބާސެލޯނާގެ މާލީ ހާލަތު ހުރިގޮތުން ކޮންޓްރޭކްޓް އާކުރެވެން ނެތްކަމަށް ބުނުމުންނެވެ. ޕީއެސްޖީއަށް ސޮއި ކުރުމަށްފަހު މެސީ ހާމަކުރިގޮތުގައި އޭނާގެ ކެރިއަރުގައި އާސޮފްހާއެއް ފެށުމަށްޓަކައި ކެތް މަދުވެފައިވާކަމަށެވެ. އަދި މިކްލަބްގެ ވިސްނުން އޭނާގެ ބޭނުންތަކާއި ވަރަށް ގުޅޭކަމަށް އޭނާ ހާމަކުރިއެވެ. މިކްލަބްގައި ހުނަރުވެރި މޮޅު ކުޅުންތެރިން ތަކެއް އެބަތިބި ކަމަށާއި އޭނާ ބޭނުންވަނ އެކުޅުންތެރިންނާއި އެކު ކުޅެ ގިނަ ކާމިޔާބީ ތަކެއް ހާސިލް ކުރަން ކަމަށް އޭނާ ހާމަކުރިއެވެ. އަދި ޕީއެސްޖީގެ ދަނޑަށް އަރަން ކެތް މަދުެފައިވާކަމަށް އޭނާ ހާމަކުރިއެވެ. ޕީއެސްޖީގެ ޗެއާމަން ނާސިރު އަލް ހަލެއިފީ ހާމަކުރިގޮތުގައި މެސީ އެކްލަބާއި ގުޅެން ނިންމުމުން ވަރަށް ހިތްހަމަ ޖެހިފައިވާކަމަށާއި އަދި މެސީ އާއި އޭނާގެ އާއިލާ ޕެރިހަށް މަރްހަބާ ކިޔުމުގެ ފުރުސަތު ލިބުމުން ފަހްރުވެރިވާކަމަށެވެ.

މެސީ ވަނީ ބާރސާއަށް 778 މެޗް ކުޅޭދީ 672 ލަނޑު ޖަހާދީފައެވެ. އުމުރުން 13 އަހަރުގައި ބާރސާއާއި ގުޅުނު މެސީ އަކީ އެކްލަބަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި އެމުއްދަތުގެ ތެރޭގައި އޭނާވަނީ ބެލޮން ޑިއޯ ހަފަރު ކާމިޔާބުކޮށްފައެވެ. އަދި 35 ތަސި ބާރސާއާއެކު ހޯދާފައިވެއެވެ. މިހާރު މެސިގެ އުންމީދަކީ ޕީއެސްޖީއާއެކުވެސް ގިނަ މުބާރާތްތަކެއް ކާމިޔާބު ކުރުމެވެ.