ޚަބަރު

ފެނުގެ ނިޒާމް ބަލަހައްޓާނެގޮތުގެ ތަމްރީން ކޯސްތަކެއް ފަށަނީ


ފެނުގެ ނިޒާމުތައް ހިންގާ ބަލަހައްޓަން ދަސްކޮށްދެއްވުމަށް ކޮލިފިކޭޝަން އޮތޮރިޓީން ގަބޫލުކުރައްވާ ދެ ކޯހެއް ހިންގެވުމަށް ނިންމަވައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލްމަތީން ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ހަމައެކަނި ފެނުގެ ނިޒާމްތައް ގާއިމު ކުރެއްވުން ނޫން ކަމަށާއި ރާއްޖޭގައި ފެނުގެ ނިޒާމު އޮތް ގޮތުން ފެނަށް ހާއްސަ އަހަމިއްޔަތު ކަމެއް ދެއްވަން ޖެހޭކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ މި ކޯސްތައް ކުރިއަށް ގެންދަވާނީ ދެ ފެކަލްޓީއަކުން ކަމަށާއި ކޯސްތައް ފަރުމާ ކުރެއްވުމަށް ފަހު ކޮލިފިކޭޝަން އޮތޮރިޓީގެ އެޕްރޫވަލްއަށް ވަރަށް އަވަހަށް ހުށައަޅުއްވާނެ ކަމަށެވެ. އަދި އެކަމަށް ކުރަން ޖެހޭ ޚަރަދުތައް ޔޫއެސްއެއިޑުގެ ތެރެއިން ހަމަޖެހޭނެ ކަމަށްވެސް ފަވާޒް ވިދާޅުވިއެވެ.ފަވާޒް ވިދާޅުވީ ޔުނިވަރސިޓީން އިސްކަންދެއްވަނީ ހައި ލެވެލްގެ ކޯސްތައް ކުރިއަށް ގެންދަވަން ކަމަށާއި މިފަދަ ގައުމީ ކަންކަމުގައި ހައްލު ހޯދަންޖެހޭ ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމަށްވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.އެމެރިކާގެ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާ ގޮތަށް ކުރިއަށް ގެންދަވާ މި ކޯހުގައި ބައިވެރިންނަށް ކިޔަވައިދެއްވާނީ ޤައުމީ ޔުނިވާސިޓީންނެވެ. އަދި މި ކޯހުގެ ބައިވެރިންނަށް އަމަލީ ތަމްރީނުދެއްވާނީ އެމްޑަބްލިއުއެސްސީގެ ފަންނީ ބޭފުޅުންނެވެ.