ޚަބަރު

އޮފިސަރުންގެ ޤާބިލުކަން ވަޒަންކުރުމަށްފަހު، ޕޮލިސް ބޯޑުގެ ނިންމުން ސީޕީއަށް ހުށަހަޅައިފި


ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ޕޮލިސް އޮފިސަރުންގެ ޤާބިލުކަން ވަޒަންކުރުމަށްފަހު، ބޯޑުން ނިންމި ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ހުށަހަޅައިިފިއެވެ.

ޕޮލިސް ބޯޑު ޢައްޔަނުކުރާ ތާރީޚުން ފެށިފެން 4 މަސްދުވަހުގެ ތެރޭގައި، ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުންގެ މަސްއޫލިއްޔަތާއި، ޒިންމާ އަދާކުރުމުގައި އަމަލުކޮށްފައިވާގޮތުން ވަނީ ބަލައި ދިރާސަކޮށްފައެވެ.

ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި ޢަމަލެއް ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަޤާމާ އެކަށޭނަ ތަޢުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންތޯ ވަނީ ބަލައި އެމަސައްކަތް ނިންމާފައެވެ.

ބޯޑުން ބެލި ކަންކަމަށްފަހު އޮފިސަރުންނާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އިއްޔެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ހުށަހަޅައިފައިވާނެކަމަށް ޕޮލިސް ބޯޑުން ވަނީ ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުލުހުންގެ ބޯޑު އެކުލަވައިލެއްވީ މި އަހަރުގެ އޭޕްރިލްމަހުގެ 9 ވަނަ ދުވަހުއެވެ. އެ ބޯޑު އުފެއްދިތާ ހަތަރު މަސް އިއްޔެއަށް ހަމަވިއިރު، ބޯޑުން އެމުއްދަތުގައި ކުރަންޖެހޭ ކަންކަން ނިންމައި ވަނީ ހުށަހަޅާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޑުން ވަނީ ފުލުހުންގެ އިސް 6 އޮފިސަރަކު މަޤާމުން ވަކިކުރުމަށް ނިންމާފައެވެ.