ޚަބަރު

ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް އަނަސް އައްޔަންކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް ޢަބްދުއްސައްތާރު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރަށް ސްޓޭޓް މިނިސްޓަރުކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ. އަނަސް ޢަބްދުއްސައްތާރަކީ، ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ލޯސް އެލް.އެލް.ބީ (އޮނާރސް) ޝަރީއަރ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މިމަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު އަދާކުރައްވާފައިވަނީ ވަކާލާތު ޗޭންބާރސްގެ މެނޭޖިންގް ޕާރޓްނަރގެ މަޤާމެވެ. އަދި، 2015 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިގެ ސެކްރެޓެރީ-ޖެނެރަލްގެ މަޤާމު އޭނާވަނީ ފުރުއްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރަކީ ސަރުކާރުގެ އެކި އިދާރާތަކެއްގެ ވަކީލުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި މާލެ ސިޓީ ކައުންސިލާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމް.ޓީ.ސީ.ސީ)، ބްރޯޑްކާސްޓިންގް ކޮމިޝަން އަދި އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ހިމެނެއެވެ.

އަދި، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރެއްގެ މަޤާމުވެސް އަނަސްވަނީ ފުރުއްވާފައެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސްގެ މަޤާމަށް އަނަަސް އަބްދުއްސައްތާރު އައްޔަންކުރެއްވުމާއެކު އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ޢަދަދުވަނީ 4އަށް އިތުރުވެފައެވެ.

އަނަސްއަކީ އެމްޑީޕީގެ ޓިކެޓްގައި މާލޭގެ މޭޔަރަކު ހޮވަން މިދިޔަ އަހަރު ބޭއްވި ޕްރައިމަރީގައި މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދު ބަލިކުރައްވައި ޓިކެޓް ހާސިލްކުރެއްވި ފަރާތެެވެ. ނަމަވެސް ލޯކަލް ކައުންސިލްގައި އަނަސްގެ މައްޗަށް ބޮޑުތަފާތަކުން ކުރިހޯއްދެވީ ޑރ. މުޙައްމަދު މުއިއްޒުއެވެ.