ވިޔަފާރި

އެގްރޯނެޓުން ލ. އަތޮޅުގެ ކައުންސިލްތަކާއި ބައްދަލުކޮށްފި


އެގްރޯނެޓް ކޯޕަރޭޝަން އިން ލ. އަތޮޅުގެ އައު ކައުންސިލްތަކާއި ދަނޑުވެރިންނާއި ބައްދަލުކޮށް މިހާރު ހުރި ދަތިތައް އޮޅުންފިލުވައިފިއެވެ.

އެގްރޯނެޓް ކޯޕަރޭޝަންއިން ލ. އަތޮޅަށް ކުރެއްވި ދަތުރުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙާރޫން ރަޝީދުއާއި ރީޖަނަލް ޑިޕާޓްމެންޓުގެ ޓީމެއް ވަނީ ބައިވެރިވެފައެވެ.

އެގްރޯނެޓް ކުންފުނިން ވިދާޅުވީ މި ބައްދަލުވުންތަކުގެ ބޭނުމަކީ، އަލަށް އިންތިޙާބުވި ކައުންސިލްތަކާއެކު އެގްރޯނެޓު ކޯޕަރޭޝަނުން ބައްދަލުކޮށް އެއަތޮޅުގައި މިހާރު ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިން މަޝްރޫޢުގެ މައުލޫމާތު ހިއްސާކުރުން ކަމަށެވެ. އެކުންފުނިން ވިދާޅުވި ގޮތުގައި ކައުންސިލްތަކުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ލިބިފައެވެ.

މިދަތުރުގައި އެގްރޯނެޓުން ލ. ގަމާއި، ފޮނަދޫ، މާބައިދޫ، ހިތަދޫ އަދި ކުނަހަނދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި ލ. އަތޮޅު ކައުންސިލާއި ވެސް ވަނީ ބައްދަލުކޮށްފައެވެ.

އެގްރޯނެޓް އިން ވިދާޅުވީ، މިދަތުރުގައި ދަނޑުވެރިންނާއި ބައްދަލުކޮށްފައިވާއިރު، މިހާރު ދަނޑުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުންފުނީގެ ޙިދުމަތްތައް އަވަހަށް ލިބި، އެ ސަރަހައްދުން ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ސޯސް ކުރެވޭނެ އިންތިޒާމު ހަމަޖެހުން ކަމަށެވެ. އެކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މިހާރު ސަރަހައްދުގައި ހުރި ސަޕްލަޔަރުންގެ ކެޕޭސިޓީ ވަޒަންކޮށް، އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ބަލަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އެގްރޯނެޓްއިން ވިދާޅުވީ، މިދަތުރުގައިވެސް އެގްރޯނެޓްއާއި އެކު އިތުރު ދަނޑުވެރިން ގުޅުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައިވުމުން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. އަދި އެކުންފުނިން މިމަޝްރޫޢު ފެށިފަހުން މިހާރު މަދުވެގެން ކޮންމެވެސް ދެ ބާވަތެއް ނުވަތަ ތިން ބާވަތެއް މެދުކެނޑުމެއް ނެތި ލިބެމުންދާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ލިބޭ ބާއްވަތަކުގެ ވެރައިޓީ އިތުރުކޮށް، މިމަޝްރޫޢު ފުޅާ ކުރުމުގެ މަސައްކަތްކުރުމަށްކަމަށް އެކުންފުނިން ހާމަކުރައްވައެވެ.

އެގްރޯނެޓުގެ ކޮންޓްރެކްޓް ފާމިން މަޝްރޫޢުގެ ދަށުން 17 ބާވަތެއް ހެއްދުމުގެ މަސައްކަތް ކުރަމުންދެއެވެ. މިމަޝްރޫޢުގެ ދަށުން އުފައްދާ ބާއްވަތްތައް ދަނޑުވެރިން އަތުން ގަނެ، މާކެޓުކޮށް ވިއްކާނީ އެކުންފުނީގެ ފަރާތުންނެވެ. އެގޮތުން މިހާރު ރިސޯޓުތަކަށާއި ވިޔަފާރިތަކަށް، ހޯލްސޭލްކޮށް ކުންފުނީގެ ފަރާތުން ދަނީ އެކި ބާވަތްތައް ސަޕްލައިކޮށްދެމުންނެވެ.