ޚަބަރު

ސިޓީ އޯޕަން ޓެނިސް މުބާރާތް ޒުވާން ކުޅުންތެރިޔާ ސިނަރ ކާމިޔާބުކޮށްފި


އެމެރިކާގެ ވޮޝިންގޓަންގައި ބޭއްވި ސިޓީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން އިޓަލީވިލާތުގެ ޒުވާން ކުޅުންތެރިޔާ ޔަނިކް ސިނަރ ކާމިޔާބުކޮށްފިއެވެ. މިމުބާރާތް ސިނަރ ކާމިޔާބުކުރީ ފައިނަލްގައި އެމެރިކާގެ މެކެންޒީ މެކްޑޮނަލްޑް އާއި ބައްދަލުކުރި މެޗް ދެސެޓު އެއްސެޓުންނެވެ.

މިމެޗް ސިނަރ ކާމިޔާބުކުރީ ހަތެއް ފަހެއް، ހަތަރެއް ހަޔެއް އަދި ހަތެއް ފަހަކުންނެވެ. މިކާމިޔާބީއާއެކު ސިނަރ ވެފައިވަނީ 2009 ވަނަ އަހަރު އޭޓީޕީ 500 އިވެންޓް ތައާރަފްކުރިފަހުން މިމުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިނަރ ހާމަކުރިގޮތުގައި އޭނާ އަކީ އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި އޭނާ ނުބަލާ ކަމަށާއި އޭނާގެ ވިސްނުން މިހާރު ހުރީ މިއަންނަ ހަފްތާގެ މުބާރާތާ މެދުކަމަށެވެ.

ސިނަރ އަކީ އޭޓީޕީގައި ވާދަކުރާ ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ މަތިން ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާއެވެ. އޭނާ މިމުބާރާތް ފެށީ ދުނިޔޭގައި 24 ވަނައަށް ރޭންކް ކުރެވިފައިވާ ކުޅުންތެރިޔާގެ ގޮތުގައެވެ. އަދި މިކާމިޔާބީއާއެކު އޭނާގެ ރޭންކިންގ 15 ވަނައަށް ކުރިއަށް ޖެހިލާނެކަމަށް ބެލެވެއެވެ. މިމުބާރާތް މީގެކުރިން ކާމިޔާބުކޮށްފައިވާ އެންމެ ހަގު ކުޅުންތެރިޔަކީ އުމުރުން 20 އަހަރުގައި މިމުބާރާތް ކާމިޔާބުކުރި ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވްއެވެ.