ޚަބަރު

ސައުދީގެ ކަލަންޑަރުން މުހަރަމް ފުރަތަމަ ދުވަހަކީ މިއަދު


ހިޖްރީ ގޮތުން އައު އަހަރުގެ ފުރަތަމަ ދުވަހަކީ މިއަދު ކަމަށް ސައުދީ ސަރުކާރުން ކަނޑައަޅައިފިއެވެ. އެގޮތުން މިއަދަކީ މުހައްރަމް މަހުގެ ފުރަތަމަ ދުވަސްކަން ސައުދީން ވަނީ އިއުލާންކޮށްފައެވެ.

ހިޖްރީ އައު އަހަރުގެ ފުރަތަމަ ދުވަހަކީ އިއްޔެ ކަމަށް ބަލާ ރާއްޖެވެސް ހިމެނޭހެން ިއސްލާމީ ގިނަ ޤައުމުތަކުގައި އެ ދުވަސް އިއްޔެ ވަނީ ފާހަގަކޮށްފައެވެ.

ސައުދީގައި ކޮންމެ ހިޖްރީ މަހެއްވެސް ކަނޑައަޅަނީ އެކަމަށްޓަކައި ހާއްސަކޮށްފައި އޮންނަ ޓީމަކުން ހަނދު ސާބިތުކުރުމަށްފަހުއެވެ. އެޤައުމުގެ ސުޕްރީމް ކޯޓުން ރޭ ނިންމި ނިންމުމުގައި ބުނެފައިވަނީ ހަނދު ސާބިތުކުރުމަށްފަހު އުއްމު އަލްގުއްރާ ކަލަންޑަރަށް ބަދަލުތަކެއް އައިސްފައިވާކަމަށެވެ. މިގޮތުން އިއްޔެ އަކީ ޒުލްހިއްޖާ މަހުގެ 30 ވަނަދުވަސްކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އިސްލާމީ އައު އަަހަރު 1443 ވަނަ އަހަރުގެ ފުރަތަމަ ދުވަހަކީ މިއަދުކަމަށްވެސް އެ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މީގެކުރިންވެސް ބައެއް ފަހަރު މިހެން ދިމާވެފައެވެ. ހާއްސަކޮށް ބައެއް އެހެން އިސްލާމީ ޤައުމުތަކާއި ސައުދީއާއި ހައްޖު ދުވަސް ތަފާތުވެފައެވެ. އެފަދަ ހާލަތްތަކުގައި އެ ޤައުމުތަކުން ސައުދީގެ ކަލަނޑަރަށް އަންނަނީ ބަރޯސާވަމުންނެވެ. ގިނަ އިސްލާމީ ޤައުމުތަކުން ހިޖްރީ ކަނަލްޑަރު އެކުލުވާލުމުގައި ބަލަނީ ސައުދީގެ އުއްމު އަލްގުއްރާ ކަލަންޑަރަށެވެ.