ޚަބަރު

އޮލިމްޕިކްސް ކުޅިވަރަކަށް ނެޓްބޯލް ހެދުމުގެ މަސައްކަތް ކުރިއަށް


2032ވަނަ އަހަރު ބްރިސްބާންގައި އޮންނަ އޮލިމްޕިކްސް ގޭމްސްގެ ކުޅިވަރަކަށް ނެޓްބޯލް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އޮލިމްޕިކްސް ކުޅިވަރަކަށް ނެޓްބޯލް ހެދުމަށް ވޯލްޑް ނެޓްބޯލް އިން ކޮށްފައިވާ ބިޑަށް އިންގްލެންޑްގެ ނެޓްބޯލް އާއި ނެޓްބޯލް އޮސްޓްރޭލިއާއިން ދަނީ އެހީތެރިވަމުންނެވެ. އަދި މިދެ ގައުމުން އޮލިމްޕިކްސް ކުޅިވަރަކަށް ނެޓްބޯލް ހެދުމަށް މަސައްކަތް ކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

1998ވަނަ އަހަރުން ފެށިގެން ނެޓްބޯޅައަކީ ކޮމަންވެލްތު ގޭމްސްގައި ބައިވެރިކޮށްފައިވާ ކުޅިވަރެކެވެ. ނަމަވެސް އަދި މިހާތަނަށް ކުޅިވަރުގެ އެންމެ ބޮޑު މުބާރާތްކަމަށްވާ އޮލިމްޕިކްސްގައި ނެޓްބޯލް ހިމަނާފައެއް ނުވެއެވެ. މީގެ ކުރިންވެސް އޮލިމްޕިކްސް ކުޅިވަރަކަށް ނެޓްބޯލް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނެޓްބޯޅައިގެ މައި އިދާރާ ވޯލްޑް ނެޓްބޯލްއިން ކުރަމުންދާ މަސައްކަތަށް އެހެން ހުރިހާ އެސޯސިއޭޝަނެއްގެ އެއްބާރުން ލިބޭނެކަމަށް އެފަރާތުން ބުނެއެވެ.

ވޯލްޑް ނެޓްބޯލްގެ ރައީސާ ލިޒް ނިކޯލް ވިދާޅުވީ ނެޓްބޯލް އޮލިމްޕިކްސް ކުޅިވަރަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި މިކަމަށް ކުރަމުންދާ މަސައްކަތުގައި މިވަގުތު ދުނިޔޭގެ އެއްވަނަ ޓީމް ނެޓްބޯލް އޮސްޓްރޭލިއާގެ އެހީތެރިކަމާއެކު މިކަމަށް ކާމިޔާބު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވޭކަމަށެވެ. އިންގްލެންޑް ނެޓްބޯލްއިން ބުނީ އެންމެ ބޮޑު ކުޅިވަރުގެ މުބާރާތް އޮލިމްޕިކްސްގައި ނެޓްބޯލް ކުޅޭތަން ފެނިގެންދިއުމަކީ ކުރެވޭ އުއްމީދެއްކަމަށެވެ.