ދުނިޔެ

އިނގިރޭސިވިލާތުން އައިއެސްގެ އަމާޒުތަކަށް ޙަމަލާދޭން ފަށައިފި


ސޫރިޔާގައި ހުރި އައިއެސް ޖަމާއަތުގެ އަމާޒުތަކަށް އިނގިރޭސިވިލާތުން
ވައިގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.



އިނގިރޭސި ވައިގެ އަސްކަރިއްޔާއިން މި ހަމަލާތައް ދޭން
ފަށާފައިވަނީ މިކަމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބުނުތާ މަދު ގަޑި
އިރު ކޮޅެއްގެ ތެރޭގައެވެ.

އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ ސޫރިޔާގެ
ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި ބައިވެރިވެފައިވަނީ ސައިޕްރެސްގައި ހުންނަ
އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުން ނައްޓާލި ހަނގުރާމަމަތީ 4 މަތިންދާ ބޯޓުޓަކުން
ކަމަށާއި، މިހަމަލާތައް ދީފައިވަނީ ސޫރިޔާގެ އިރުމަތީގެ ސަރަހައްދަކަމަށް ކަމަށެެވެ.

މިއީ
އައި.އެސް ޖަމާޢަތުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ތެޔޮވަޅަކަށް އަމާޒުކޮށް ދިން ހަމަލާތަކެއް
ކަމަށް ވެސް އިނގިރޭސި ދިފާޢި ވުޒާރާއިން ވަނީ ބުނެފައެވެ.



އިނގިރޭސި ވައިގެ އަސްކަރިއްޔާއިން ސޫރިޔާގެ ސަރަހައްދަށް
ވައިގެ ހަމަލާތައް ދީފައި މިވަނީ،އައި.އެސްގެ އަމާޒުތަކަށް ހަމަލާތައް ދިނުމަށް އިނގިރޭސިވިލާތުގެ
ޤާނޫނު ހަދާ މަޖިލީހުން ވޯޓުދިންތާ މާގިނަ އިރެއް ނުވެެއެވެ،



ދިހަ ގަޑިއިރުގެ ބަހުސަކަށް ފަހު އިނގިރޭސިވިލާތުގެ
ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުގެ ތެރެއިން 397 މެމްބަރުން ވަނީ މިކަމަށް ރުހުން ދީފައިވެއެވެ. އައި.އެސްއަށް ހަމަލާ ދިނުމާ ދެކޮޅަށް ވޯޓު ދީފައިވަނީ 223 މެމްބަރުންނެވެ.



ޤާނޫނު ހަދާ މަޖިލީހުގެ މި ނިންމުމަށް ސަރުކާރުން މަރުޚަބާ
ކިޔާފައިވާ އިރު، ދިފާޢި ވަޒީރު ފިލިޕް ހެމަންޑް ވިދާޅުވީ އިނގިރޭސިވިލާތުގެ ސަލާމަތް
ކަށަވަރުކުރުމަށް ބިނާކުރަނިވި ފިޔަވަޅެއް އެޅިގެން ދިޔަ ކަމަށެވެ.



އަދި އަސްކަރީ ފިޔަވަޅުތަކަށް ފަހު ސޫރިޔާގެ ހަނގުރާމައަށް
ސިޔާސީ ހައްލެއް ހޯދިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ހެމަންޑް ވިދާޅުވިއެވެ.