ޚަބަރު

ޖަޕާނުގެ ބޮޑުވަޒީރަށް އޮތް ތާޢީދު ބޮޑުތަނުން ދަށަށް


ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑެ ސުގާއަށް އޮންނަ ތާޢީދު ބޮޑުތަނުން ދަށަށްގޮސްފިއެވެ.

ޖަޕާނުގެ ނޫހަކުން ކުރި ސާވޭއަކުން ދެއްކި ގޮތުގައި ކޯވިޑް-19ގެ ނުރައްކާތެރި ރާޅަކާ އެ ޤައުމަކުން ކުރިމަތިލަމުންދާ ދަނޑިވަޅެއްގައި ސުގާގެ ތާޢީދުވަނީ 30 އިންސައްތަ ދަށަށްގޮސްފައެވެ. އޭނާގެ ތާޢީދު ބޮޑުތަނުން ދަށަށްގޮސްފައިވަނީ އޭނާއަށް އޮންނަ ތާޢީދު އިތުރުކުރުމުގެ މަޤްޞަދުގައި އެ ޤައުމުގައި އޮލިންޕިކްސް ކުޅިވަރު މުބާރާތް ބާއްވާފައިވާ ދަނޑިވަޅެއްގައެވެ.

ސާވޭގެ ނަތީޖާ ދެއްކި ގޮތުގައި މިދިޔަ ސެޕުޓެންބަރު މަހުގެ ތެރޭގައި ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތް ސުގާއަށް އޮންނަ ތާޢީދު އެ މިންވަރަށް ދަށަށްދިޔަ ފުރަތަމަ ފަހަރެވެ. އެ ގޮތުން ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރެމުންދާ ދަނޑިވަޅެއްގައި އޮލިންޕިކްސް ބޭއްވުމުން ޖަޕާނުގެ 32 އިންސައްތަ މީހުންވަނީ ނުރުހުންވެފައެވެ. އަދި އޮލިންޕިކްސް ބޭއްވުމަކީ ރަނގަޅު ނިންމުމެއްކަމަށް ބުނެފައިވަނީ 56 އިންސައްތަ މީހުންނެވެ. ނަމަވެސް ބޮޑުވަޒީރުގެ މަޤާމުގައި ސުގާ ދެމިހުންނެވުމަށް ޖަޕާނުގެ 60 އިންސައްތަ މީހުން ބޭނުމެއް ނުވެއެވެ. އެ ގޮތުން ސުގާއާމެދު ގިނަ މީހުން ހިތްހަމަނުޖެހިފައިވަނީ ކޯވިޑް-19ގެ ވެކްސިން ޖެހުމުގެ ދުވެހި ދަށްވުމުންނެވެ. 126 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޖަޕާނުގައި ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވަނީ 33 އިންސައްތަ މީހުންނެވެ.

ޖަޕާނުގެ ސަރުކާރުން ބުނެފައިވަނީ އެ ޤައުމުގައި އޮލިންޕިކްސް ބޭއްވުމާއި ބަލިމަޑުކަން ފެތުރުމާ ގުޅުމެއް ނެތްކަމަށް ބުނެފައެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި އެ ޤައުމުގައި ބާއްވައި ޢާންމު އިންތިޚާބުގައި ސުގާގެ ޕާޓީއަށް އަޣްލަބިއްޔަތު ލިބިދާނެކަމާމެދުވަނީ ސުވާލު އުފެދިފައެވެ.