ޚަބަރު

ޗައިލްޑް ސޭފްގާޑިން ޕޮލިސީން ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭވެ: ރައީސް


އެފްއޭއެމްއާއި އާކް ގުޅިގެން ލޯންޗުކުރި ޗައިލްޑް ސޭފްގާޑިން ޕޮލިސީއަށް ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙު މަރުޙަބާ ވިދާޅުވެއްޖެއެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވަސް (އެފްއޭއެމް)އާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން ތަޢާރަފުކުރި ޗައިލްޑް ސޭފްގާޑިން ޕޮލިސީ ލޯންޗުކޮށްދެއްކީ ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދެވެ.

މިކަމާއި ގުޅިގެން ރައީސް އިބްރާޙީމް މުޙައްމަދު ސާލިޙު ކުރެއްވި ޓުވީޓްއެއްގައި ވިދާޅިވެފައިވަނީ މިއީ ފުޓުބޯޅައިގައި ބައިވެރިވެ އުޅޭ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ފަދަ ޕޮލިސީއެއްކަމަށެވެ.

މިއީ ފުޓުބޯޅައިގެ ތެރެއިން ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އިފްތިތާހްކުރި ޕޮލިސީއެކެވެ. ބޯޅަ ދަނޑުގެ ސެމީނާ ރޫމުގައި ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު އާއި ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ. މިރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެފްއޭއެމްގެ އިސްވެރިންވެސް ބައިވެރިވެފައިވެއެވެ.

ޗައިލްޑް ސޭފްގާޑިން ޕޮލިސީގެ ކަންތައްތައް އެފްއޭއެމްއިން ކުރިއަށްގެންދާނީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ގުޅިގެންނެވެ. އެފްއޭއެމްއިން ތަޢާރަފް ކުރި ޗައިލްޑް ސޭފްގާޑިން ޕޮލިސީގެ ދަށުން ޚާއްސަ ސޭފްގާޑް ޔުނިޓެން އެކުލަވާލުމާއި ޗައިލްޑް ސޭފްގާޑް ކޮމިޓީއެއް ހެދުމުގެ އިތުރުން ޗައިލްޑް ސޭފްގާޑް އޮފިސަރެއް އައްޔަންކުރުންވެސް ހިމެނެއެވެ. އަދި ޗައިލްޑް ސޭފްގާޑް ފޯކަލް ޕޮއިންޓެއްވެސް ހަމަޖައްސަން ޖެހެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަން ހިމާޔަތް ކުރުމަށް އިތުރު ފަރާތްތަކުންވެސް މަސައްކަތް ކުރަމުންދާކަމީ އުފާވެރިކަމެއްކަމަށެވެ. އަދި އެކަމަނާވަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.