ޚަބަރު

މެލޭޝިއާ ކުންފުންޏަށް ފައިސާ ދެއްކުމާގުޅޭ މަޝްވަރާތައް ދަނީ ކުރަމުން: އެޗްޑީސީ


ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމާމެދު ސަރުކާރާއިއެކު މަޝްވަރާ ކުރަމުންދާކަމުގައި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީން ވަނީ އެކުންފުނިން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ލިބިފައިނުވާތީ، އެޗްޑީސީއާއި އެފަރާތާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލްކޮށް، ލިބުނު ގެއްލުމަށް ބަދަލު ހޯދުމަށް އޭޝިއަން އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރައަށް މިދިޔަ ހުކުރު ދުވަހު މައްސަލައެއް ހުށަހަޅާފައެވެ.

މިމައްސަލަ ހުށަހެޅުމާއި ގުޅިގެން އެޗްޑީސީން ވިދާޅުވީ މެލޭޝިއާގެ ކުންފުނިން މި އިމާރާތް އެޅުމަށްޓަކައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކައި، އެމަސައްކަތުގެ އަގަށްވާ ފައިސާ ޔަޤީންކުރުމަށްފަހު އެފައިސާ ދެއްކުމާއި ބެހޭ ގޮތުން ސަރުކާރާއިއެކު މަޝްވަރާ ކުރެވެމުންދާކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް ކޮންޕްލެސް އިމާރާތެއް އެޅުމަށް މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ މާރިޗު މަސް ތެރޭގައެވެ. ނަމަވެސް ސަރުކާރު ބަދަލުވެ މިހާރުގެ ސަރުކާރުންވަނީ މާލޭގެ ޖާގައިގެ ދަތިކަމާއި، ފިނޭންސް މިނިސްޓްރީ މިހާރު ހުރި ސަރަހައްދަކީ ޖާގަތަނަވަސް ބިމަކަށް ނުވުމުން، ހުޅުމާލޭގައި މިއިމާރާތް ކުރުމަށް ނިންމާފައެވެ.

ހުޅުމާލޭގައި މިއިމާރާތް ކުރުމަށް ނިންމައި އެގްރިމަންޓްގައި އެޗްޑީސީއާއެކު ސޮއިކުރީ، 2017 ވަނަ އަހަރު މާޗު މަހެގައެވެ. 25 ބުރީގެ މި އިމާރާތަކީ 123 މިލިއަން ޑޮލަރު މަޝްރޫޢުއެކެވެ.