ޚަބަރު

މެމްބަރަކު އިސްތިއުފާ ދެއްވުމުން، މީޑިއާ ކައުންސިލަށް ކުރިމަތިލުމަށް ހުޅުވާލައިފި


މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީގެ މެމްބަރުކަމުގެ މަޤާމަށް އިންތިޚާބުވެފައިވާ މެމްބަރަކު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެމްއެމްސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޔާމީންއަކީ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްގެ ސެކެޓްރީ ޖެނެރަލްއެވެ.

މީޑިއާކައުންސިލްގެ އާންމު މެންބަރުކަމުގެ މަގާމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، މިމަހުގެ 17 ވަނަ ދުވަހުގެ 13:30ގެ ކުރިން، މީޑިއާ ކައުންސިލަށް މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ހޯމްއެފެއާޒްއަށް ހުށަހެޅުއްވުން ވަނީ ދަންނަވާފައެވެ.

މީޑިއާ ކައުންސިލްގެ ގާނޫނާއި ގަވައިދު ބުނާގޮތުން މީޑިއާ ކައުންސިލްގެ މެމްބަރެއްގެ މަގާމު ހުސްވާތާ 28 ދުވަސް ތެރޭ މެމްބަރު ކަމަށް ބޭފުޅަކު އިންތިހާބު ކުރަންޖެހެ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރެއްގެ ދައުރަކީ ދެ އަހަރެވެ.