ޚަބަރު

ބޮޑު ގޮވުމުގެ ތަޙްޤީޤު މިނިވަނެއް ނޫން: ހިޒުބުﷲ


ލުބުނާނުގެ ވެރިރަށް ބައިރޫތުގެ ބަނދަރުގައި ބާރުގަދަ ގޮވުމެއް ގޮވި ސަބަބު ދެނެގަތުމަށް ކުރަނީ މިނިވަން ތަޙްޤީޤެއް ނޫންކަމަށް އެ ޤައުމުގެ ނުފޫޒުގަދަ ޖަމާޢަތެއްކަމަށްވާ ހިޒުބުﷲގެ އެންމެ އިސްވެރިޔާ ޙަސަން ނަޞްރުﷲ ވިދާޅުވެއްޖެއެވެ.

ބައިރޫތުގެ ބޮޑު ގޮވުމަށް އެއް އަހަރުފުރުނު ދުވަހާ ދިމާކޮށް ނަޞްރުﷲ ވިދާޅުވީ ތަޙްޤީޤަށް ބައެއް ފަރާތްތަކުން ސިޔާސީގޮތުން ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެ ތަޙްޤީޤުގައި އިސްކޮށް ހުންނަވަނީ ބައިރޫތުގެ ޖިނާޢީ ކޯޓުގެ އިސް ޤާޒީ ޠާރިޤު ބީޠާރެވެ. ނަމަވެސް ތަޙްޤީޤުން އޭނާ ވަކިކުރުމަށް ނަޞްރުﷲ ގޮވާލައިފައެއް ނުވެއެވެ. އެ ގޮތުން ނަޞްރުﷲ ބާރުއަޅުއްވާފައިވަނީ ދެފުށްފެންނަ ގޮތަކަށް ތަޙްޤީޤު ކުރިޔަށްގެންގޮސް ޢާންމުންނަށް އެނގެންޖެހޭ މަޢުލޫމާތުތައް ޙިއްޞާކުރުމަށެވެ. އަދި ބޮޑު ގޮވުމާ ހިޒުބުﷲއާ އެއްވެސް ގުޅެމެއް ނޯންނާނެކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

2020ވަނަ އަހަރުގެ އޮގަސްޓު މަހުގެ 4ވަނަ ދުވަހު ބައިރޫތުގެ ބަނދަރުގައި ބާރުގަދަ ގޮވުންތަކެއް ގޮވައިފައިވަނީ ގުދަނެއްގައި ރައްކާކޮށްފައި ހުރި 2،750 ޓަނުގެ އެމޮނިއަމު ނައިޓުރޭޓުގައި ހުޅުހިފުމުންކަމަށް އިބްތިދާޢީ ތަޙްޤީގުތަކުންވަނީ ފާހަގަވެފައެވެ. އެ ޙާދިޘާގައި 200 މީހުން މަރުވެ، 6،000 މީހުންވަނީ ޒަޚަމުވެފައެވެ. އަދި އެ ޙާދިޘާގެ ސަބަބުން ލުބުނާނުގެ އިޤްތިޞަދަށްވަނީ ބޮޑު ލޮޅުމެއް އަރައިފައެވެ.