ޚަބަރު

އޮސްޓުރޭލިޔާގައި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް ބޮޑު ދަތިތަކެއް


އޮސްޓުރޭލިޔާގެ އެންމެ އާބާދީ ބޮޑު ސަރަޙައްދުތަކުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިއްޖެއެވެ.

އޮސްޓުރޭލިޔާގައި ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެތުރެން ފެށުމުން އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސުޓޭޓުތައްކަމަށްވާ ނިޔު ސައުތު ވޭލްސާއި ވިކްޓޯރިޔާއާއި ކުއީންސްލޭންޑުގައިވަނީ ފުރަބަންދުގެ އުޞޫލުތައް ތަންފީޒުކޮށްފައެވެ. ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ތިން ސުޓޭޓުގައި 282 މީހުންނަށްވަނީ ބަލިޖެހިފައެވެ.

އޮސްޓުރޭލިޔާގައި ކޯވިޑް-19ގެ ޙާލަތު އެންމެ ބޮޑަށް ގޯސްވެފައިވަނީ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސްގައެވެ. ހަ ހަފުތާގެ މުއްދަތަކަށް ފުރަބަންދުގެ އުޞޫލުތައް ތަންފީޒުކޮށްފައިވާ ނިޔު ސައުތު ވޭލްސްގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 262 މީހުންނަށްވަނީ ބަލިޖެހިފައެވެ. އޭގެ އިތުރުން އެ ސުޓޭޓުގައި ބަލިޖެހުނު 362 މީހުންނަށް ހަސްފަތާލުތަކުގައި ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 58 މީހުންނަށް ފަރުވާދެނީ އައިސީޔޫގައެވެ.

ހަތް ދުވަހުގެ މުއްދަތަކަށް ފުރަބަންދުގެ އުޞޫލުތައް ތަންފީޒުކޮށްފައިވާ ވިކްޓޯރިޔާގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 11 މީހުންނަށް ބަލިޖެހިފައިވެއެވެ. އަދި ތިން ދުވަހުގެ މުއްދަތަކަށް ފުރަބަންދުގެ އުޞޫލުތައް ތަންފީޒުކޮށްފައިވާ ކުއީންސްލޭންޑުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 9 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 35،600އަށްވުރެ އިތުރުވެފައެވެ، އަދި ބަލިމަޑުކަމުގައި 930އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

އޮސްޓުރޭލިޔާގައި ކޯވިޑް-19ގެ ވެކްސިން ޖަހާފައިވަނީ 16 އަހަރުން މަތީގެ އާބާދީގެ ފަސްބައިކުޅަ އެއްބައެވެ. އެ ޤައުމުގެ ސަރުކާރުން އަމާޒުކޮށްފައިވަނީ ވެކްސިން ޖެހޭ އާބާދީގެ 70 އިންސައްތަ މީހުން ޑޯޒުތައް ފުރިހަމަކުރުމުން ފުރަބަންދުގެ އުޞޫލުތަކަށް ލުއިތަކެއް ދިނުމަށެވެ.