ޚަބަރު

ރިޟްވާން ގެއްލުވާލި މައްސަލަ: ހެކިންނަށް ރައްކާތެރި މާޙައުލެއް ހަމަޖެއްސޭނެ ނިޒާމެއް ޤާއިމްކުރަނީ


ނޫސްވެރިޔާ އަހުމަދު ރިޟުވާން ޢަބްދުﷲ ގެއްލުވާލި މައްސަލާގައި، މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ނެތުންކަމަށާއި، އެފަދަ މާހައުލެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ނޫސްވެރިޔާ ރިޟްވާން ގެއްލިފައިވާ މައްސަލައިގެ ތަހުގީގުގައި ކުރަމުންދާ މަސައްކަތްތައް ހާމަކޮށް މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޟްވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ޙަޤީޤަތް ހޯދައި، އެ މައްސަލައިގައި އިންސާފު ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮމިޝަނުން ކުރަމުންދާކަމަށެވެ. އެގޮތުން، ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ރާއްޖެއިން ބޭރުގެ މިފަދަ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާ ކާރުންގެ އެހީތެރިކަން ކޮމިޝަނުން ހޯދަމުންދާކަމަށެވެ.

އަޙްމަދު ރިޟްވާން ޢަބްދުﷲ ޤެއްލުވާލާފައިވާ މައްސަލައާ ގުޅިގެން ކޮމިޝަނުން ކުރަމުންދާ ތަޙުޤީޤުގެ މައިގަނޑު އަމާޒަކީ، އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލުވާލުމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ޖަރީމާ ހިންގުމުގައި ކުޑަނަމަވެސް ބައިވެރިވުމެއް އޮތް ފަރާތެއްވާނަމަ، އެ ފަރާތެއް ޝަރީޢަތުގެ ކުރިމައްޗަށް ގެނެސް، އެ މީހަކު އެ ބައިވެރިވެފައިވާ މިންވަރަކާ ގުޅިގެން ޒިންމާ ކުރުވައި، މި މައްސަލައިގައި އިންސާފު ހޯދައިދިނުންކަމަށެވެ.

މިމައްސަލާގައި ކޮމިޝަނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި މައްސަލައިގެ މަޢުލޫމާތު އެނގިތިބި ފަރާތްތައް ހެކިބަސް ދިނުމަށް ސަބަބުތަކާހުރެ ޖެހިލުންވުންކަމަށް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެކަމަށް ޙައްލު ހޯދުމުގެ ގޮތުން، ދަޢުލަތުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ މަޝްވަރާކޮށްގެން ޤާނޫނީ އިމުގެ ތެރެއިން ހެކިންނަށް ރައްކާތެރި މާޙައުލެއް ހަމަޖެއްސޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.

އޭގެ ސަބަބުން، ޖިނާއީ ޢަދުލުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވެ ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް، ހެކިބަސް ދިނުމަށް ޖެހިލުންވުން ކުޑަކުރެވިގެންދާނެ ކަމަށާއި، ބޭރުގެ ކަމާގުޅޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު، ހެކިބަސް ދޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާ ގުޅޭ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ބައިވެރި ވުމާއެކު ކޮމިޝަނުން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މަރުގެ މައްސަލަތަކާއި، ރޭވިގެން ހިންގޭ ކުށްތަކާއި ޓެރަރިރަމްގެ ކުށްތައްފަދަ ހެކިންގެ ހެކިބަހުގެ މައްޗަށް ބަރޯސާވާ މިފަދަ ބޮޑެތި މައްސަލަތައް ތަޙުޤީޤު ކުރުމުގައި އެ މައްސަލަތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ރައްކާތެރިކަން ލިބިގެންދާނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެވިފައި އޮތުމުގެ މުހިއްމުކަން ދިވެހިރާއްޖެއަށް މިވަނީ ވަރަށް ބޮޑަށް ބޭނުތާވެފައި ކަމަށްވެސް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.