ޚަބަރު

"މުއްދަތު ހަމަވިޔަސް ތަރައްޤީގެ ޕްލޭން ހެދުމުގައި ޤާނޫނީ ހުރަހެއްނެތް"


ކޯވިޑް-19 އާއި ގުޅިގެން ލާމަރުކަޒީ ޤާނޫނުގައި ބުނާ ތިން މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކުން އެކުލަވާލަން ޖެހޭ ތަރައްޤީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން އެކުލަވާނުލެވުނު ނަމަވެސް އާންމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ ދަށުން ޕްލޭން އެކުލަވާލުމަށް ފުރުސަތު ލިބިދޭ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. ޤާނޫނީ ގޮތުން އުފެދިފައިވާ ސުވާލުތަކާއި ގުޅިގެން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ މިކަމުގައި މިއަދު މަޝްވަރާ ކުރައްވާފައެވެ.

ޤާނޫނުގައި ބުނާ މުއްދަތުގައި ތަރައްޤީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން އެކުލަވާ ލެވިފައި ނުވަނީ 43 ރަށެއްގައެވެ. ކޮމެޓީގެ މިއަދުގެ ބައްދަވުމުގައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާވެސް މިކަމުގައި ހޯދާފައެވެ. އެލްޖީއޭގެ ޤާނޫނީ ޓީމުންވެސް ލަފާދީފައިވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން މުއްދަތު ހަމަވިޔަސް ޕްލޭންތައް އެކުލަވާލުމުގެ ފުރުސަތު އޮތްކަމަށެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ، ކޯވިޑްގެ ހާލަތުގައި ގިނަ ރަށްތަކެއް މޮނިޓަރިންގައި އޮވެ ރައްޔިތުންނާއި ބައްދަލުކުރުމަށް ދަތިތަކެއް ހުރުމުން، ޕްލޭން އެކުލަވާލުމަށް ދަތިވާކަމުގެ ޝަކުވާ ލިބިފައިވާކަމަށެވެ. ކައުންސިލްތަކުން މީގެ ކުރިން ރަނގަޅު ޕްލޭންތަކެއް އެކުލަވާލާފައި ނުވުމުން، މިހާރު އޮތް ކައުންސިލްތަކުން ރަށްރަށުގެ ޕްލޭން ހަދާއިރު އެއްޗަކަށް އެއްޗެއް ހެދުމަށްވުރެ ފުރުސަތު ދީގެން ރަނގަޅު ޕްލޭނެއް ހެދުމަށް ވަގުތު ދިނުމަކީ މުހިންމު ކަމެއްކަމަށް އަފްޝަން ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަލީ ނިޔާޒު ވިދާޅުވީ އެއްވެސް ގޮތެއް ނެތިގެން ނޫނީ ޤާނޫނަށް ބަދަލު ގެނައުމަކީ ތާއީދު ކުރައްވާ ކަމެއް ނޫންކަމަށެވެ. މިކަމުގައި ޤާނޫނީ ގޮތުން ހުރި ހުރަސްތަކަކީ ކޮބައިތޯ ބަލައި، ކައުންސިލާ ޖެނެރަލްއާއި، އަދި އެނޫން އިދާރާތަކުގެ މަޝްވަރާވެސް ހޯދުމަށް ނިންމާފައިވާކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި މެމްބަރުންވެސް އަދި އެލްޖީއޭގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ޕްލޭން އެކުލަވާ ނުލާ އޮތް ރަށްރަށުން ކުރީގެ ޤާނޫނުގެ ދަށުން ބިންތައް ބޭނުން ކުރެވިދާނެތޯ އޮތް ސުވާލެވެ. މިކަމުގައިވެސް މަޖިލިސް ހުޅުވުމުގެ ކުރިން ހައްލުތަކެއް ހޯދުމަށް ކޮމެޓީން މަސައްކަތް ކުރައްވާނެ ކަމަށް މުޤައްރިރު ވިދާޅުވިއެވެ. އަދި މިހާރުވެސް ބައެއް ރަށްތަކުގައި ސަރުކާރުން ހިންގާ މަޝްރޫޢުތައް ހިންގުމުގައި ޤާނޫނީ ފުށޫއެރުންތަކެއް އުޅޭތީ އެކަމަށް އަވަސް ހައްލުތަކެއް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނުގައި ބުނާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ތަރައްޤީގެ ޕްލޭން އެކުލަވާލައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅަންޖެހެއެވެ. ނަމަވެސް ކޯވިޑް-19ގައި ގިނަ ރަށްތަކެއް މޮނިޓަރިންގައި އޮތުމުން މިމަސައްކަތް ވަނީ އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވިފައެވެ.