ޚަބަރު

ޕީއެސްޖީ ފްރެންޗް ލީގް ފެށީ މޮޅަކުން


ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އަލަށް ޕްރޮމޯޓުވި ޓުއާ އަތުން ހަނިގޮތަކަށް ޕީއެސްޖީ މޮޅުވެއްޖެއެވެ.

މި މެޗުން ޕީއެސްޖީ މޮޅުވީ ފަހަތުން އަރައި 2-1 ލަނޑުންނެވެ. ޓުއާގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ.

މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ޑިލާން ޝޯމްބޯސްޓް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވާލިދު އެލް ހަޖަމްއެވެ. ނަމަވެސް އޭގެ 10 މިނެޓު ފަހުން ޕީއެސްޖީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަންޑަ ހެރޭރާ ދިން ބޯޅަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމްއެވެ. މިއީ ޕީއެސްޖީއަށް ބަދަލުވި ހަކީމީ ފްރެންޗް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

މެޗުގައި ޕީއެސްޖީން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 21 ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ފަހަތުން އަރައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އޭރިއާ ތެރެއިން ކީލިއަން އެމްބާޕޭ ދިން ޕާހަކުން މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ މައުރޯ އިކާޑީއެވެ. ލީގުގައި ދެން އަމިއްލަ ދަނޑުގައި ޕީއެސްޖީ ނުކުންނާނީ ސްޓްރަސްބޯގާ ދެކޮޅަށެވެ.