ޚަބަރު

އޮލިމްޕިކްސް ބާސްކެޓް ފިރިހެން ބައިގެ ރަންމެޑަލް އެމެރިކާއިން ހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ބާސްކެޓްބޯޅައިގެ ފިރިހެނުންގެ ބައިން ރަން މެޑަލް އެމެރިކާ ހޯދައިފިއެވެ. މިއީ މިބައިން އެމެރިޚާ ރަން މެޑަލް ޖެހިޖެހިގެން ހާސިލްކުރި ހަތަރުވަނަ ފަހަރެވެ.

މިބައިން އެމެރިކާ ރަން މެޑަލް ހާސިލްކުރީ ފައިނަލްގައި ފަރްންސޭސިވިލާތާއި ބައްދަލުކުރިމެޗް 87 ޕޮއިންޓް 82 ޕޮއިންޓުން ކާމިޔާބުކޮށްގެންނެވެ. މިއީ މިފަހަރުގެ އޮލިމްޕިކްސް ގެ ފުރަތަމަ މެޗްގައި ފަރަންސޭސި ޓީމް އަތުން ބަލިވި ބަލިވުމަށް ހިފުނު ރަނގަޅު ބަދަލު ހިފުމެކެވެ.

މިފަހަރުގެ މުބާރާތުގައި އެހެން ފަހަރުތަކާއި ހިލާފަށް އެމެރިކާ ޓީމްގެ ފަރާތުން އެންމެ މޮޅު ކުޅުން ފެނިގެން ނުދިޔަ ނަމަވެސް މެޗަކަށްފަހު މެޗެއްގައި އެމެރިކާއިން ދިޔައީ އެޓީމްގެ ކުޅުން ރަނގަޅު ކުރަމުންނެވެ. އަދި މިފަހަރުގެ މުބާރާތުގައި އެންމެ އެންމެ ރަނގަޅު ކުޅުމެއް ދައްކަމުންދާ ކެވިން ޑުރާންޓް ވަނީ ފައިނަލްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން ފައިނަލް މެޗްގައި ޑުރާންޓްވަނީ 29 ޕޮއިންޓް އެމެރިޚާއަށް ހޯދާދީފައެވެ. މިއީ ޑްރާންޓް ކާމިޔާބުކުރި ތިންވަނަ ރަން މެޑަލްއެވެ. އޭނާވަނީ 2012 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ މުބާރާތުގައިވެސް އެމެރިކާ ތަމްސީލް ކޮށްފައެވެ.