ޚަބަރު

ވޮރިއަރސްގައި އިތުރު 4 އަހަރު މަޑުކުރަން ކަރީ އެއްބަސްވެއްޖެ


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރާ ގޯލްޑަން ސްޓޭޓް ވޮރިއަރސްގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާ ސްޓެފެން ކަރީ އިތުރު ހަތަރު އަހަރު އެކްލަބްގައި މަޑު ކުރަން ނިންމައިފިއެވެ. އެގޮތުން ކަރީ ވޮރިއަރސްގައި 2026ގެ ނިޔަލަށް ހުންނާނެއެވެ.

ކަރީ ވަނީ ވޮރިއަރސް އާއެކު އެން.ބީ.އޭ. ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައެވެ. އަދި ލީގުގެ ސްކޯރިންގ ޓައިޓްލްވަނީ ކަރީ މިނިމުނު ސީޒަންގައި ދެވަނަ ފަހަރަށް ހޯދާފައެވެ. އެގޮތުން މިނިމުނު ސީޒަންގައި މެޗަކަށް 32 ޕޮއިންޓް އޭނާ ހޯދާފައިވެއެވެ.

މީގެއިތުރުން ލޮސް އެންޖަލިސް ލޭކަރސްއިން ވަނީ މިނިމުނު ސީޒަންގައި ވޮޝިންގޓަން ވިޒަޑްސްގައި މޮޅު ކުޅުމެއް ދެއްކި ރަސެލް ވެސްޓްބްރޫކް އާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސްގެ ކާމެލޯ އެންތަނީއާއެކު ސޮއިކޮށްފައެވެ. ޔޫސީއެލްއޭއަށް ކޮލެޖް ބާސްކެޓްބޯޅަ ކުޅެފައިވާ ވެސްޓްބްރޫކްއަކީ އެން.ބީ.އޭ. ތާރީޚްގައި އެންމެ ގިނަ ޓްރިޕްލް ޑަބަލް ހަދާފައިވާ ކުޅުންތެރިޔާއެވެ. އޭނާވަނީ 184 ޓްރިޕްލް ޑަބަލް ހަދާފައެވެ.

ލޭކަރސްގެ ޖެނެރަލް މެނޭޖަރ ހާމަކުރިގޮތުގައި ލޭކަރސްގެ ޕޮއިންޓް ގާޑްކަން ކުރެވޭނީ ވަރަށް ވާދަވެރި ކުޅުންތެރިޔަކަށް ކަމަށާއި މިހާރު މިވަނީ ވެސްޓްބްރޫކަށް އެފުރުސަތު ލިބިފައިކަމަށެވެ. ލޭކަރސްގައި މިހާރުވެސް ފާހަގަ ކޮށްލެވޭ ގިނަ ތަރިން ތަކެއް އެބަތިއްބެވެ. އެގޮތުން އެން.ބީ.އޭ.ގެ އެމް.ވީ.ޕީ.ގެ މަގާމް ހަތަރު ފަހަރު ހާސިލްކޮށްފައިވާ ލެބްރޮން ޖޭމްސް އާއި އެންތަނީ ޑޭވިސް ފަދަ ކުޅުންތެރިން ހިމެނެއެވެ. މިނިމުނު ސީޒަންގައި ލޭކަރސްއަށް މާއެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ޕްލެ އޮފްގެ ފުރަތަމަ ބުރުންވަނީ ބަލިވެފައެވެ.