ޚަބަރު

ކޮންޓްރޯލް ނިމުމަކަށް، އުމްރާއަށް މަހަކު 2 މިލިއަން މީހުން


ކޯވިޑާއި ގުޅިގެން އުމްރާގެ އަޅުކަމަށް ސައުދީން މިހާތަނަށް ކަނޑައަޅާފައިވާ ކޮންޓްރޯލް އަދަދު ދޫކޮށްލާ މަހަކު 2 މިލިއަން މީހުންނަށް އުމްރާއަށް އެތެރެވުމުގެ ފުރުސަތު އެޤައުމުން ހުޅުވާލާފިއެވެ.

ކޯވިޑާއި ގުޅިގެން މިދިޔަ އަހަރުން ފެށިގެން ސައުދީއަށް އުމްރާއަށް އެތެރެވެވޭ މީހުންގެ އަދަދު އޮތީ ބޮޑުތަނުން ކޮންޓްރޯލްކޮށްފައެވެ. އަދި މިދިޔަ ދެ އަހަރު ޙައްޖުގެ އަޅުކަންވެސް ކުރިޔަށް ގެންދިޔައީ ބޭރުން އެއްވެސް މީހަކު އެޤައުމަށް އެތެރެވިޔަ ނުދީ ހަމައެކަނި އެޤައުމުގައި އުޅޭ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ.

އިސްލާމީ އަައު އަހަރާއި ދިމާކޮށް މަދާމާއިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އުމްރާވެރިންނަށް އެ ޤައުމުގެ ބޯޑަރުތައް ސައުދީން ވަނީ ހުޅުވާލަން ނިންމާފައެވެ. މިއާއި އެކު މިހާތަނަށް ހަރަމަށް މީހުން ވެއްދުމުގައި ގެންގުޅެމުން އައި ކޮންޓްރޯލްވެސް މިވަނީ ދޫކޮށްލާފައެވެ.

ސައުދީ ސަރުކާރުން ބުނީ މާދަމާއިން ފެށިގެން މަހަކު 2 މިލިއަން މީހުންނަށް އުމްރާގެ އަޅުކަމަށް އެޤައުމަށް އެތެރެވެވޭނެކަމަށެވެ. އަދި ސައުދީ ރައްޔިތުންގެ ތެރެއިން އުމްރާކުރަން އެދޭ މީހުންގެ އަދަދުވެސް ދުވާލަކު 60،000 ވަނީ އިތުރުކޮށްފައެވެ. އެހެންނަމަވެސް އުމްރާއަށް ހަރަމަށް އެތެރެވެވޭނީ 18 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. އަދި މި އެންމެނަކީވެސް ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ވާންޖެހެއެވެ.



މިދިޔަ ހުކުރު ދުވަހު ގިނަ އަދަދެއްގެ ބަޔަކު ތަވާފްކުރުމުގައި

ސައުދީ ސަރުކާރުން ބުނީ އުމްރާގެ އަޅުކަންކަން ފުރިހަމަކުރުމަށް އެކަމަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެކަށެވެ. އަދި ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބަސްތަކުގައި ދަތުރުކުރުމުގައިވެސް މީހުން އުފުލޭނީ ބަހުގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރުނުވާ ގޮތަށްކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

އުމްރާއަށް ހަރަމް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ދެހަރަމާއި އެތަންތަން ވަށާއިގެންވާ ސަރަހައްދުތައް ސްޓްރެލައިޒްކޮށް ބެލެހެއްޓުމާއި ސެނެޓައިޒަރ ބެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

4000 ވުރެ ގިނަ މަސައްކަތު މީހުން ކޮންމެ ދުވަހަކުވެސް މަދުވެގެން 10 ފަހަރު މި ސަރަހައްދުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މިކަމުގައި 470 ވުރެ ގިނަ މެޝިނާއި އާލަތްތައް އަންނަނީ ބޭނުންކުރަމުންނެވެ. ކޮންމެ ދުވަހަކުވެސް މި ސަރަހައްދުތައް ދޮވުމަށް 60،000 ލީޓަރުގެ ސެނިޓައިޒަރ ބޭނުންކުރެއެވެ. އަދި ހަރަމާއި ހަރަމްގެ ވަށައިގެންވާ ސަރަހައްދުތަކުގައި މީރުވަސް ދުއްވުމަށް ދުވާލެއްގެ މައްޗަށް 1200 ލީޓަރުގެ ހުވަނދާއި އަތަރު އަންނަނީ ބޭނުންކުރަމުންނެވެ.