ޚަބަރު

އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހްކޮށްފި


އެފްއޭއެމް ފައުންޑޭޝަންގެ ބެލުމުގެ ދަށުން އެފްއޭއެމް ޗައިލްޑް ސޭފްގާޑިން ޕޮލިސީ އިފްތިތާހްކޮށްފިއެވެ.

މިއީ ފުޓްބޯޅައިގެ ތެރެއިން ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ގޮތުން އެފްއޭއެމުން އިފްތިތާހްކުރި ޕޮލިސީއެކެވެ. ބޯޅަ ދަނޑުގެ ސެމީނާ ރޫމުގައި ބޭއްވި ހާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އަނބިކަނބަލުން، ފަޒްނާ އަހްމަދު އާއި ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ. މިރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެފްއޭއެމްގެ އިސްވެރިންވެސް ބައިވެރިވެފައިވެއެވެ.

ޗައިލްޑް ސޭފްގާޑިން ޕޮލިސީގެ ކަންތައްތައް އެފްއޭއެމްއިން ކުރިއަށްގެންދާނީ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ގުޅިގެންނެވެ. އެފްއޭއެމްއިން ތަޢާރަފް ކުރި ޗައިލްޑް ސޭފްގާޑިން ޕޮލިސީގެ ދަށުން ޚާއްސަ ސޭފްގާޑް ޔުނިޓެން އެކުލަވާލުމާއި ޗައިލްޑް ސޭފްގާޑް ކޮމިޓީއެއް ހެދުމުގެ އިތުރުން ޗައިލްޑް ސޭފްގާޑް އޮފިސަރެއް އައްޔަންކުރުންވެސް ހިމެނެއެވެ. އަދި ޗައިލްޑް ސޭފްގާޑް ފޯކަލް ޕޮއިންޓެއްވެސް ހަމަޖައްސަން ޖެހެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވީ ކުޑަކުދިންގެ ރައްކާތެރިކަން ހިމާޔަތް ކުރުމަށް އިތުރު ފަރާތްތަކުންވެސް މަސައްކަތް ކުރަމުންދާކަމީ އުފާވެރިކަމެއްކަމަށެވެ. އަދި އެކަމަނާވަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެފްއޭއެމްގެ ފައުންޑޭޝަން ލޯންޗް ކުރުމަށްފަހު، އެފައުންޑޭޝަނުންވަނީ މުޖްތަމަޢަށް ފައިދާ ހުރި ގިނަ ކަންތައްތަކެއް ކޮށްފައެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ޓުވާޑްސް ފިއުޗާ ބެނާގެ ދަށުން މުސްތަގުބަލަށް ޒުވާނުންތަކެއް ބިނާ ކުރުމަކީ އެފްއޭއެމްއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާކަމެއްކަމަށެވެ. އަދި ކުޅުންތެރިންގެ ރައްކާތެރިކަމާއި އެކުޅުންތެރިންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަކީވެސް އެފްއޭއެމްއިން ވަރަށް ބޮޑަށް އިސްކަމެއްދީގެން ކުރާކަމެއްކަމަށް ބައްސާމް ވިދާޅުވިއެވެ.