ޚަބަރު

ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު 282653އަށް އަރައިފި


ރާއްޖެއިން އިތުރު 363 މީހުން ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ފުރިހަމަކޮށްފިއެވެ.

މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ 282653 އަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ އަތޮޅުތަކުން 363 މީހުންނެވެ. ހުކުރުދުވަހު މާލޭގައި ވެކްސިން ދިނުން ކުރިއަކަށް ނުދެއެވެ. މިއާއެކު ދެޑޯޒް ޖަހާ ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދުވަނީ 282653 އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ހުކުރު ދުވަހު ޖަހާފައިވަނީ 374 މީހުންނެވެ. އެއީ މުޅިންވެސް އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 329403 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރަޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވާން ފަށާފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ވެކްސިން ކަވަރޭޖް މަތިކޮށް، ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމުގެ މުޅިން އައު ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން މިމަހުގެ ނިޔަލަށް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ %90 އަށް މިމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.