ޚަބަރު

ޓޮޓެންހަމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހަދާފައިނުވާނެ: ކޭން


ޓޮޓެންހަމް ހޮޓްސްޕާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހަދާފައިނުވާކަމަށް ހެރީ ކޭން ބުނެފިއެވެ. ކޭންގެ މުސްތަގްބަލާއި މެދު މިހާރުވަނީ ސުވާލުތަކެއް އުފެދިފައެވެ. އޭއީ ނިމިގެންދިޔަ ސީޒަން ނިމުމާއެކު ކޭން ޓޮޓެންހަމް ދޫކޮށް ދާން ބޭނުންވާކަމަށް ބުނުމުންނެވެ. އަދި މިހާރު މެންޗެސްޓަރ ސިޓީން ގެންދަނީ ކޭން އެޓީމަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އާ ސީޒަނަށް ތައްޔާރުވުމަށް ޓޮޓެންހަމްއިން އެޓީމުގެ ފަރިތަކުރުންތައް ފަށާފައިވާއިރު، ނިމިގެންދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އިންގްލެންޑްގެ ގިނަ ކުޅުންތެެރިންވަނީ ޗުއްޓީ ހޭދަކޮށްލުމަށް ދުނިޔޭގެ އެކި ހިސާބުތަކަށް ގޮސްފައެވެ. 2024ވަނަ އަހަރާއި ހަމައަށް ޓޮޓެންހަމްގެ ކޮންޓްރެކްޓްގައި ހުރި ކޭން އެޓީމްގެ ފަރިތަކުރުންތަކުގައި މިދިޔަ ހޯމަ ދުވަހު ބައިވެރިވާން ޖެހޭކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެދުވަހު ކޭން ޓޮޓެންހަމްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި ނުވާތީ، މީޑިޔާތަކުންވަނީ ޓީމް ބަދަލް ކުރުމަށް ބާރު އެޅުމުގެ ގޮތުން ކޭން ޓޮޓެންހަމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ދޮކޮޅު ހަދާކަމަށް ރިޕޯޓްކޮށްފައެވެ.

މިކަމާއި ގުޅިގެން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެއްވެސް އިރެއްގައި ޓޮޓެންހަމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ދެކޮޅު ހަދާފައިނުވާކަމަށާއި ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށެވެ. ކޭން ޓޮޓެންހަމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ނިންމާފައިވީނަމަވެސް، އަދިވެސް އޭނާ ހުރީ ޓީމް ދޫކޮށްލަން ތައްޔާރަށެވެ. މިކަމަށް އެންމެ ބޮޑު ބާރެއް ލިބެނީ ދާދިފަހުން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާގެ ބަސްތަކުންނެވެ. ގާޑިއޯލާބުނީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މެސީ ބާސެލޯނާގައި ނުހުންނާނެކަން އެނގުނު ނަމަވެސް، މިހާރު މެސީއާއި މެދު ވިސްނުމުގެ ބަދަލުގައި ސިޓީން ބޭނުންވަނީ އިންގެލްންޑް ކެޕްޓަން ހެރީ ކޭން ގެނައުމަށެވެ. އަދި ޓޮޓެންހަމުން މަޝްވަރާކުރަން ތައްޔާރަށް އޮތްނަމަ، ސިޓީން ވާހަކަތައް ކުރިއަށް ގެންދަން ބޭނުންވާކަމަށްވެސް ސިޓީގެ ކޯޗް ގާޑިއޯލާ ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސިޓީންވަނީ ކޭން ހޯދުމަށް 139 މިލިއަން ޑޮލަރު ހުށައަޅާފައެވެ. ކޭން ވަނީ މިހާތަނަށް ޓޮޓެންހަމަށް ކުޅެދިން 336 މެޗުގައި 221 ލަނޑު ޖަހާދީފައެވެ.