ޚަބަރު

މިއަދު ކުރިއަށްދިޔަ ބައި އިލެކްޝަންތަކުގެ ވޯޓުލާނިމި، މަރުކަޒުތަކުގައި ނަތީޖާ އިއުލާންކޮށްފި


މިއަދު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައި އިލެކްޝަންތަކުގެ ވޯޓުލުން ނިންމާ މަރުކަޒުތަކުގައި ނަތީޖާ އިޢުލާންކޮށްފިއެވެ.

މިއަދު ވަނީ ފަސް ދާއިރާއެއްގައި އިންތިޚާބު ބާއްވާފައެވެ. އެގޮތުން ހަތަރު ރަށެއްގައ ބައި އިލެކްޝަން ބާއްވާފައިވާއިރު، އެއް ރަށެއްގައި ވަނީ ތިންވަނަ ބުރެއް ބާއްވާފައެވެ. ބައި އިލެކްޝަން ބޭއްވި ހަތަރު ރަށަކީ، ނ.ކެނދިކުޅުދޫއާއި، ހދ.ނޮޅިވަރަމާއި، ކ.ދިއްފުށި އަދި އއ.ފެރިދޫއެވެ. އިންތިޚާބުގެ ތިންވަނަ ބުރެއް ބޭއްވީ ހަމައެކަނި ނ.މަގޫދޫގައެވެ. އެއީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިިޚާބުގެ ބައި އިލެކްޝަންގައި ވާދަކުރި ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރުވުމާއި ގުޅިގެންނެވެ.

މިއަދު ބޭއްވި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 4937 މީހަކަށް ލިބިގެންވެއެވެ. މި އިންތިޚާބުގައި 12 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން ވޯޓުލީ 11 ވޯޓުފޮއްޓަކަށެވެ. އެއް ވޯޓު ފޮއްޓަށް އެއްވެސް މީހަކު ވޯޓުލާން ގޮސްފައެއް ނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މާލޭގައި ކެނދިކުޅުދޫ މީހުން ވޯޓުލުމަށް ބެހެއްޓި ވޯޓުފޮއްޓަށް ގަޑި ހަމަވިއިރުވެސް އެއްވެސް މީހަކު ވޯޓްލާފައިނުވާކަމަށެވެ. އެވޯޓު ފޮއްޓަށް ވޯޓުލުމަށް 205 މީހަކު ރަޖިސްޓްރީކޮށްފައިވެއެވެ.

މިއަދު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކުރާނީ މިރެއެވެ. އެގޮތުން ފަސް ރަށުގެ ވަގުތީ ނަތީޖާ އިއުލާންކުރާނީ އއ.ފެރިދޫގައެވެ. އަދި މި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.