ޚަބަރު

އަފްޣާނިސްތާން އޮތީ ނުރައްކާތެރި އަދި ބިރުވެރި ޙާލަތެއްގައި: އދ


އަފްޣާނިސްތާނުގެ ހަނގުރާމައިގެ ޙާލަތު އޮތީ ވަރަށް ނުރައްކާތެރި އަދި ގެއްލުން ބޮޑު ޙާލަތެއްގައިކަމަށާއި ސިޔާސީ ޙައްލެއް ހޯދުމަށް ޠާލިބާން ޖަމާޢަތުން ބޭނުންވާކަމާމެދު ސުވާލުތަކެއް އުފެދޭކަމަށް އދން ބުނެފިއެވެ.

އދން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ޑެބޯރާ ލަޔަންސް ވިދާޅުވީ ޞުލްޙަ ޤާއިމުކުރުމުގެ ވިސްނުމެއް ގެންގުޅޭ ޖަމާޢަތަކުން ޢާންމުންނާ ދެކޮޅަށް ބޮޑެތި ޢުދުވާންތަކެއް ނުހިންގާނެކަމަށެވެ. އަދި ބޮޑެތި ލޭއޮހޮރުވުންތަކެއް ހިންގާނަމަ ގުޅުންތައް ބަދަހިކޮށް އިތުބާރު ދެމެހެއްޓުމަށް ހުރަސްއެޅޭނެކަމަށް ލަޔަންސް ވިދާޅުވިއެވެ. އޭނާވަނީ އަފްޣާނިސްތާނުގެ ޙާލަތާ ސޫރިޔާއާއި 1990ގެ އަހަރުތަކުގައި ބޮސްނިޔާގައި ހިންގާފައިވާ ޤަތުލުޢާންމުތަކާ އެއްވެސް ތަފާތެއް ނެތްކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ގިނަ ޢަދަދެއްގެ ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އެއްވެސް ބެލުމެއްނެތި ޙަމަލާ ދެނީ ކުރިމަތިވާނެ ގެއްލުންތައް ރަނގަޅަށް އެނގިހުރެކަމަށާއި އެއީ ހަނގުރާމައިގައި ޠާލިބާނުން ގެންގުޅޭ ޢާންމު އުކުޅެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

20 އަހަރު ދުވަހަށްފަހު އެމެރިކާގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިންވަނީ އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަދި އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް އެމެރިކާގެ ސިފައިންވެސްވަނީ ފަށައިފައެވެ. ބޭރުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުވަނީ އެ ޤައުމުގައި ވަރުގަދަކޮށްފައެވެ. ޠާލިބާނުންވަނީ އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖިކިސްތާނާއި އުޒުބަކިސްތާނާއި އީރާނަށް ދެވެން އޮންނަ މައިމަގުތަކާއި ސަރަޙައްދީ ރޮނގުތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގެ 419 ޑިސްޓުރިކްޓުގެ ތެރެއިން 200 ޑިސްޓުރިކްޓު އޮތީ ޠާލިބާނުންގެ ބާރުގެ ދަށުގައެވެ.