ޚަބަރު

ދަރިވަރުންނަށް ޚާއްސަ ވެކްސިން ޕްރޮގްރާމް މިހަފްތާ ތެރޭގައި ފަށަނީ


ދަރިވަރުންނަށް ޚާއްސަ ވެކްސިން ޕްރޮގްރާމް މިހަފްތާ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ތައްޔާރުވާން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް އަންގަވާފައެވެ.

އަންނަ އަންގާރަ ދުވަހު ފަށާ މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތުތައް ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސްކޫލް މުވައްޒަފުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދަރިވަރުންނަށް ވެކްސިން ޖެހުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއާއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި މި ހަފްތާގެ ތެރޭގައި ދަރިވަރުންނަށް ޚާއްސަ ވެކްސިން ޕްރޮގްރާމް ފައްޓަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އައިމިނަތު އައްޒަ ވިދާޅުވީ ވެކްސިންޖެހޭ އުމުރުގެ ހުރިހާ ދަރިވަރުން، ވެކްސިން ފުރިހަމަ ކުރުމަށްޓަކައި މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން އެޗްޕީއޭއާ ގުޅިގެން ވެކްސިންއާ ގުޅޭ މަޢުލޫމާތުތައް ބެލެނިވެރިންނަށް ދިނުމަށް ބައްދަލުވުންތައް ބާއްވަމުން އަންނަކަމަށެވެ. އަދި ރަށްރަށުގެ ހެލްތު ސެންޓަރުތަކުންވެސް ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމަށް ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށް އައްޒަ ވިދާޅުވިއެވެ. އައްޒަ ވިދާޅުވީ ވެކްސިން ޖެހުމުގައި ބެލެނިވެރިންގެ އިތުރަށް ދަރިވަރުންގެ އިއުތިރާޒެއް އޮތްތޯވެސް ބަލާނެކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކުގައި ކިޔަވަމުންދާ އުމުރުން 12 އަހަރާއި 17 އަހަރުގެ ހުރިހާ ދަރިވަރުންނަށް ފަސޭހަކަމާއެކު ވެކްސިން ޖެހުމަށް ސްކޫލުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް އަންގަވާފައެވެ. އަދި އެ އުމުރުފުރާގެ ހުރިހާ ދަރިވަރުންގެ ލިސްޓް އުމުރުފުރާ ވަކިވަކިން ތައްޔާރުކުރުމަށާއި ބެލެނިވެރިންގެ ހުއްދަ ހޯދުމަށްވެސްވަނީ އަންގަވާފައެވެ.

ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ވީހާ ވެސް ގިނަ ބަޔަކަށް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. އެކަމަށް އަމާޒުކޮށްގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ "ދަރިވަރުންނަށްރައްކާތެރިކަން" ނަމުގައި ޚާއްސަ ކެމްޕެއިނެއްވެސް ފަށާފައެވެ.

އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ތައްޔާރުވާން ސްކޫލްތަކަށް އަންގާފައިވާއިރު އެޗްއީއޯސީގައި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރާއްޖޭގައި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ފައިޒަރ ވެކްސިން މިމަހުގެ ތެރޭގައި ޖަހަން ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވާފައެވެ. ފައިޒަރ ވެކްސިން ބޮޑަށް އަމާޒުކުރާނީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ދިނުމަށްކަމުން، ވެކްސިން ޖެހުމަށް ތައްޔާރުވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އެޗްއީއޯސިން ވަނީ ވިދާޅުވެފައެވެ.