ސިޔާސީ

ދާޚިލީ ކަންކަމާ ބެހޭނަމަ ދުނިޔެއަށް ހަމަޖެހުމެއް ނާންނާނެ- ރައީސް


އދ. މެމްބަރު ޤައުމުތަކުން އެއްޤައުމު އަނެއް ޤައުމުގެ ދާޚިލީ ކަންކަމާއި ބެހޭނަމަ ދުނިޔެއަށް ހަމަޖެހުމެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުގެ ޚާާރިޖީ ސިޔާސަތަށް 2 އަހަރު ފުރުމާއި، ދިވެހިރާއްޖެ އދ. ގައި ބައިވެރިވިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ހޮޓެލް ޖެންގައި ބޭއްެވިި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ދުނިޔެއަށް ހަމަޖެހުން އަންނާނީ އެއް ޤަައުމު އަނެއް ޤައުމުގައި ހުންނަ ތަފާތު ކަންކަމާއި ޘަގާފަތާ އާދަތައް ހުރިހާ ޤައުމަކުންވެސް ބަލައިގަނެ، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރެވިގެންކަމަށެވެ. އެހެންކަމުން އެއްވެސް ޤަައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލޭގޮތަށް އަމަލުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

އެއް ޤައުމުގެ ދާޚިލީ ކަންތައްތަކާއި އަނެއް ޤައުމަކުން ބެހެވޭ ކަމަށްވާނަމަ ދުނިޔެއަށް ހަމަޖެހުމެއް ނާންނާނެކަމަށާއި، މިފަދަ ކަންކަމުގައި އދ.އަށް ވެސް ކޮށްދެވޭނެ މާ ބޮޑެތި ކަންތައްތަކެއް ނުހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އދ.ގެ ތެރެއިންވެސް ބައެއް ކަންކަމުގައި ބޮޑެތި ޤަައުމަށް "ބޮޑު އިންސާފު އަދި ކުދި ޤަައުމަށް ކުދި އިންސާފު" ލިބެމުންދާ މަންޒަރު ފެންނަކަމަށް ރައީސް ވިދާޅުވިއެވެ. ބޮޑު ޤައުމަށް ބޮޑު އިންސާފު ކުޑަ ޤަައުމަށް ކުޑަ އިންސާފު އޮންނަ ގޮތަށް، ރާއްޖޭގެ ރައްޔިތުން ބޭނުން ނުވާކަމަށާއި، ވަކި މީހަކަށް ވަކި ޙައްޤުުތަކެއް، ވަކި ކުށަކުން މަޙްރޫމްވާން ޖެހޭނެކަމަށް، އަދި ވަކި ކުށަކުން ސަލާމަތްވާންޖެހޭނެކަމަށް ރާއްޖޭގެ ރައްޔިތުންގެ އަޣުލަބިއްޔަތު ޤަބޫލުނުުކުރާނެކަމަށެވެ.

ރައީސް ވިދާޅުވީ އދ. ބައިނަލްއަގްވާމީ ޖަމިއްޔާއެއްގެ ގޮތުގައި އުފެއްދީ މުޅި އިންސާނިއްޔަށް އިންސާފު ހޯދައިދިނުމުގެ އުއްމީދުގައި ކަމަށެވެ. ނަމަވެސް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާވެރިކަމާއި ރުއިންތަށް ތަހަންމަލް ކުރަމުންދާއިރު އެކަން ހުއްޓުވުމަށް އދ. ގެ ނުކުޅެދުންތެރިކަން ހުރި މިންވަރު ބައިނަލްއަޤްވާމީ ދުނިޔޭގެ ވާހަކަތަކުން އެނގޭކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އދ.ގެ މެންބަރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި ޤައުމުތަކުން އދ.ގެ ޗާޓަރާއި ކަނޑައެޅިގެން ޚިލާފަށް ޢަމަލުކުރަމުންދާއިރުވެސް ފިޔަވަޅު އެޅެމުން ނުދާކަމަށެވެ. މި ރަސްމިއްޔާތުގައި އދ. ން އިންސާފުގެ ނަޒަރަކުން ކަންކަން ކުރަމުން ނުދާކަމަށް ވިދާޅުވެ، އެޖަމާޢަތުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ރައީސް ޔާމީން ވަނީ ތަފާތު ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. 

ރައީސް ޔާމީން ވިދާޅުވީ އދ.ގެ ތެރޭގައި ވަކިވަކި ގްރޫޕްތައް އުފެއްދުމުން ޤައުމުތަކުގެ ކަންކަމާއިމެދު ތަފާތު ނަޒަރިއްޔާއިން ވިސްނައި، ތަފާތުކުރުންތައް ގެނައުމުގެ ޖާގަ ލިބިގެންދާކަމަށެވެ. އދ. ގެ ދާއިމީ މެމްބަރު 5 ޤައުމު އޮތުމާއި، ސެކިއުރިޓީ ކައުންސިލެއްވެސް އޮތުމާއެކީ، އަޅުގަނޑުމެން ދަންނަ ޑިމޮކްރަސީ އދ.ގައިވެސް އެހާ ބޮޑަށް އޮންނަކަމަކަށް ޤަބޫލު ނުކުރެވޭކަމަށް ވިދާޅުވިއެވެ. މި ހަޤީގަތްތަކާއެކުވެސް އދ. ގެ ބަދަލުގައި އެއަށްވުރެ ރަނގަޅު، ވަރުގަދަ ޖަމާޢަތެއް ކައިރި މުސްތަގުބަލެއްގައި އުފެދޭނެކަމުގެ އަލާމާތެއް އަދި ނެތްކަމަށާއި، އެއީ އދ ގައި ހުރި ބަލިކަށިކަމެއް ނޫންކަމަށް އެމަނިކުފނު ވިދާޅުވި. މިއީ އެޖަމާއަތުގައި ބައިވެރިވާ ޤައުމުތަކުން ޗާޓަރަށް އިޚްތިރާމް ނުކުރުމުގެ ނަތީޖާކަމަށް ވިދާޅުވިއެވެ. 1965 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންވިތާ 56 ދުވަހުގެ ތެރޭގައި ދިވެހިރާއްޖެ އ.ދގެ މެމްބަރަކަށް ވީ އެއަހަރުގެ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ. މިކާމިޔާބީއާއެކު ރާއްޖެ ފަދަ ކުޑަ ގައުމަކަށް ދުނިޔޭގެ ބާރުގަދަ ގައުމުތަކާއި އެއް ހަމައެއްގައި ބައިނަލްއަޤްވާމީ މައިދާނުގައި ބަސްބުނުމުގެ ހައްޤު ލިބިގެން ދިޔައެވެ.

އަދި ފަލަސްޠީނަށް މިނިވަން ދަޢުލަތެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތާއި މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި ގުޅުން ހުރި މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ އަޑުއުފުލުމުގެ ފުރުޞަތު ރާއްޖެއަށް ލިބުނުއިރު، ފާއިތުވި އަހަރުތަކުގައި މި މައުޟޫޢުތަކާއި ގުޅުންހުރި މުހިއްމު މަސައްކަތްތަކެއް ރާއްޖެއިން ކޮށްފައިވެއެވެ.