ޚަބަރު

މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާޢަތް ހެދުމާއި، ޤުނޫތު ނާޒިލާ ކިޔުން ނިމުމަކަށް


މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހެދުމާއި ޤުނޫތު ނާޒިލާ ކިޔުން ހުއްޓާލައިފިއެވެ. ކޯވިޑްން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއެކު މިސްކިތްތަކުގައި ޖަމާއަތް ހެދުން ހުއްޓާލައި ގުނޫތު ނާޒިލާ ވަނީ ކިޔަން ފަށާފައެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި ކޯވިޑް ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ދަޢުލަތުން ކުރި ގިނަ މަސައްކަތްތަކެއްގެ ސަބަބުން މާލެ ސަރަހައްދުގެ ކޯވިޑްގެ ހާލަތު ރަނގަޅުވުމާ ގުޅިގެން ރައްޔިތުންނަށް ގިނަ ލުއިތަކެއް ދީފައިވާކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން މި ސަރަޙައްދުގެ މިސްކިތްތަކުގެ ޖަމާއަތް ގައިދުރުކޮށް ހެދުމާއި ޖަމާއަތުގެ ނަމާދުތަކުގައި ކޯވިޑްގެ ހާލަތާއި ގުޅިގެން ކިޔަމުން އައި ޤުނޫތު ނާޒިލާ ކިޔުން މިއަދުން ފެށިގެން މަޑުޖައްސާލާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ނަަމަވެސް ޖަމާއަތުގެ ނަމާދުތަކުގައި ޤުނޫތު ނާޒިލާ ކިޔުން މިވަގުތަށް ހުއްޓާލި ނަމަވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވާފައެވެ. އަދި ކީރިތި ޤުރުއާން ކިޔަވައި އިސްތިޣުފާރު ކުރުމަށާއި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅު ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ވަނީ ނަޞޭހަތްތެރިވެފައެވެ.

މީގެ އިތުރުން ހުރިހާ އެންމެންވެސް މިސްކިތްތަކުގައި ތިބޭ ވަގުތުތަކުގައާއި ބޭރުގައި އުޅޭ ވަގުތުތަކުގައިވެސް މާސްކު އެޅުމަށާއި ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވާފައެވެ. އަދި މާތް ﷲ ގެ ރަޙްމަތުން މާޔޫސް ނުވެ ސަބަބުތަކުގައި ހިފައި ފުރިހަމައަށް މާތް ﷲއަށް ވަކީލުކޮށް އުޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދިއުމުގެ ސަބަބުން އޭރު އޮތް ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށްޓަކާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން މިސްކިތްތަކުގައި ޖަމަޢާތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ނިންމީ މިދިޔަ މެއިމަހުގެ 19ވަނަ ދުވަހުން ފެށިގެންނެވެ.
އަދި ހާލަތަށް ރިޢާޔަތްކޮށް މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި، ގައިދުރުކަމާއެކު ނަމާދުކުރުމުގެ ފުރުޞަތު އިސްލާމިކް މިނިސްޓްރީން މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހުވަނީ ދީފައެވެ.