ޚަބަރު

އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅައިގެ ރަންމެޑަލް ކެނެޑާއިން ހޯދައިފި


ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ އަންހެން ފުޓްބޯޅަ އިވެންޓްގެ ރަން މެޑަލް ކެނެޑާއިން ހޯދައިފިއެވެ. މިބައިން ކެނެޑާ ރަން މެޑަލް ހާސިލްކުރީ ފައިނަލްގައި ސްވިޑްން އާއި ބައްދަލުކުރި މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް އެއްލަނޑު އެއްލަނޑުން އެއްވަރު ވުމުން އިތުރުވަގުތުގެ ދެހާފް ކުޅެވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޕެނަލްޓީ ޖަހައިގެން 3 ލަނޑު 2 ލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ސްވިޑްންއެވެ. ނަމަވެސް ސްވިޑްންއިން އުފެއްދި 30 ހަމަލާއިން ގޯލަށް ހަ ހަމަލާ އަމާޒު ކުރެވުނުއިރު ކާމިޔާބު ކުރެވޭގޮތް ވީ އެންމެ ހަމަލާއެކެވެ. އެގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސްވިޑްންއިންއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓިނާ ބްލެކްސްޓެނިއަސްއެވެ. މިމެޗްގައި ކެނެޑާއިން އެއްވަރު ކުރި ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހާދިނީ ޖެސީ ފްލެމިންގއެވެ. 

މިމެޗްގެ ޕެނަލްޓީ ޝޫޓް އައުޓް ވެގެންދިޔައީ ދެޓީމްގެ ސަޕޯޓަރުންގެ އިތުރުން މެޗް ބަލަމުންދިޔަ އެހެން އެންމެންވެސް ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުމުގެ އިތުރުން ރަން މެޑަލް ގެންދާނީ ކޮންބައެއްކަން ދެނެގަންނަން އެންމެ ފަހު ވަގުތާއި ޖެހެންދެން މަޑުކުރަންޖެހުނު ޝޫޓް އައުޓަކަށެވެ. އެގޮތުން ސްވިޑްންގެ ފަސްވަނަ ޕެނަލްޓީ ޖަހަން އެޓީމްގެ ކެޕްޓަން ސެގަރ ދިޔައިރު ދެޕެނަލްޓީ އެއް ޕެނަލްޓީން ކުރީގައި އޮތީ ސްވިޑްންއެވެ. އަދި ސެގަރގެ ޕެނަލްޓީ އާއެކު ވޭތުވެދިޔަ ދެ އޮލިމްޕިކް ކުޅިވަރު މުބާރާތުގައިވެސް ރިހި މެޑަލް އާއެކު ފަރުޖައްސާލަން ޖެހުނު ސްވިޑްން މިފަހަރު ރަން މެޑަލް ހާސިލް ކުރާނެކަމަށް ހީވި ނަމަވެސް އޭނާ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. ނަތީޖާއަކަށްވީ ޑީން ރޯސް ކެނެޑާގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބު ކުރުމެވެ. އަދި ސްވިޑްންގެ ހަވަނަ ޕެނަލްޓީ ކެނެޑާގެ ކީޕަރ މަތަކުރިއިރު ކެނެޑާއިން މިމެޗުން މޮޅުކޮށްދިން ޕެނަލްޓީ ޖަހާދިނީ ޖޫލިއާ ގްރޮސޯއެވެ.

މިކާމިޔާބީއާއެކު ވޭތުވެދިޔަ ދެ މުބާރާތުގައިވެސް ތިންވަނަ ހޯދި ކެނެޑާއަށް މިވަނީ ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި އަންހެން ފުޓްބޯޅައިން ރަންމެޑަލް ހާސިލް ކުރެވިފައެވެ. އަދި ސްވިޑްންއަށް މިފަހަރުވެސް ޖެހުނީ ރިހި މެޑަލް އާއެކު ފަރު ޖައްސާލާށެވެ.