ޚަބަރު

ސިޓީން ކޭން ބޭނުން، މެސީއާމެދު ވިސްނުމެއް ނެތް: ޕެޕް


އިންގްލިޝް ޕްރިމިއަރ ލީގުގެ ރަންބޫޓު އެންމެފަހު ސީޒަންގައި ހާސިލް ކުރި ޓޮޓްނަމް ހޮޓްސްޕަރގެ ފޯވަޑް ހެރީ ކޭންއަކީ ބޭނުން ކުޅުންތެރިއެއް ކަމަށާއި ނަމަވެސް ދުނިޔޭގައި އުފެދުނު ކަމަށް ބުނެވޭ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނެލް މެސީއާމެދު ވިސްނުމެއް ނެތް ކަމަށް އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކޮށްފިއެވެ.

ޕެޕް ހާމަކުރިގޮތުގައި ސިޓީން ކޭން ބޭނުން ކަމަށާއި ނަމަވެސް ސްޕަރސްއިން އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަން ބޭނުން ނުވާކަމަށެވެ. އެހެންކަމުން އެކަމާއި ގުޅޭގޮތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. ސްޕަރސްއިން ވާހަކަ ދައްކަން ތައްޔާރަށް އޮތް ނަމަ ސިޓީން ކޭން ގެނައުމުގެ މަސައްކަތް ކުރާނެކަމަށެވެ. ކޭންއަކީ މިވަގުތު ސްޕަރސްގެ ކުޅުންތެރިއެއް ކަމަށާއި ނަމަވެސް ސްޕަރސްއިން ވާހަކަ ދައްކަން ބޭނުން ނުވާތީ ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. ސްޕަރސްއިން ވާހަކަ ދައްކަން އޮތް ނަމަ ކޭން ގެންދަން މަސައްކަތް ނުކުރާނެ ކްލަބެއް މިދުނިޔޭގައި ނޯންނާނެކަމަށްވެސް ޕެޕް ހާމަކުރިއެވެ. އެހެންކަމުން އެކަން ބިނާވެފައިވަނީ ސްޕަރސްއަށެވެ. އަދި ޖެކް ގްރީލިޝްގެ ކަންތައްތައް މުޅިން ތަފާތު ކަމަށާއި އޭނާގެ ކަންތަކުގައި ރިލީސް ކްލައުސްއެއް އޮތުމުން އެކަން ދިޔައީ ވަރަށް ތަފާތުކޮށް ކަމަށް ޕެޕް ހާމަކުރިއެވެ. 

އިންގްލަންޑްގެ ކެޕްޓަން ކަންވެސް ކުރަމުންދާ ކޭން ވަނީ މިހާތަނަށް ސްޕަރސްއަށް 221 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ޗުއްޓީ ހަމަކުރުމަށްފަހު ކޭން މިނިމުނު ހަފްތާގެ ތެރޭގައި ކްލަބްގެ ފަރިތަކުރުންތަކަށް ހާޒިރުވާން ޖެހޭކަމަށް ކްލަބުން ހާމަކުރި ނަމަވެސް އޭނާ އެކަން އެގޮތަށް ކޮށްފައެއް ނުވެއެވެ.

މެސީ އާއި ގުޅޭގޮތުން ޕެޕް ހާމަކުރިގޮތުގައި ބާސެލޯނާގެ ޚަބަރު ވެގެންދިޔައީ އެންމެެންނަށްވެސް ބޮޑު ހައިރާން ކަމެއް ގެނުވި ކަމަކަށް ކަމަށާއި އޭގެ ތެރޭގައި އޭނާވެސް ހިމެނޭކަމަށެވެ.

ސިޓީން މިހާރުވަނީ ގްރީލިޝްއަށް ބޮޑު ހޭދައެއް ކޮށްފައި ކަމަށާއި އޭނާ ބޭނުން ކުރާނީ 10 ނަމްބަރު ޖަރޒީ ކަމަށާއި އެންމެންވެސް ހީކޮށްގެންތިބީ މެސީ ބާރސާގައި މަޑު ކުރާނެ ކަމަށް ކަމަށާއި އެހެންކަމުން މިހާރު މެސީ އޭނާގެ ވިސްނުމުގައި ނެތް ކަމަށްވެސް ޕެޕް ހާމަކުރިއެވެ. އަދި ބާރސާގެ ސަޕޯޓަރެއްގެ ހައިސިއްޔަތުން އޭނާ ބޭނުންވަނީ މެސީ ބާރސާގައި އަބަދުވެސް ހުއްނަން ކަމަށާއި ނަމަވެސް ކްލަބަށް ދިމާވެފައިވާ މާލީ މައްސަލަތަކާއި ހެދި އެނިންމުން ނިންމަން ޖެހުނީ ކަމަށް ގަބޫލް ކުރާކަމުގައި ޕެޕް ބުނެފައިވެއެވެ. މެސީ ވަނީ ބާރސާ މުޅިން އާއުސްމިންތަކަކަށް ގެން ގޮސްދީފައިކަމަށާއި އެހެން ކަމުން އެކަމަށް އޭނާ އަބަދުވެސް ޝުކުރު އަދާކުރާނެކަމަށެވެ. އަދި އޭނާއަށް ބަޔޭން އާއި އިންގްލަންޑްގައި ކޯޗް ކޮށްމިދެވެނީ އޭނާ ބާރސާގައި ހޭދަކުރި ދުވަސްތަކުގައި މެސީ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނާއި ވީ އެހީތެރިކަމުގެ ސަބަބުން ކަމަށްވެސް ޕެޕް ހާމަކުރިއެވެ. އަދި މެސީގެ ކެރިއަރުގެ ފަހު އަހަރުތަކުގައި ކާމިޔާބީއަށް އެދޭކަމުގައިވެސް ޕެޕް ހާމަކުރިއެވެ.