ޚަބަރު

މެސީގެ އާ އެއްބަސްވުމުގެ ސަބަބުން ބާރސާގެ މުސްތަޤްބަލް އަޑިގަނޑަކަށް ވެއްޓުނީސް: ލަޕޯޓާ


ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިންވެސް ފާހަގަކޮށް ލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ލިއޮނެލް މެސީ އާއެކު ބާސެލޯނާއިން ހެދި އާ އެއްބަސްވުމުގެ ސަބަބުން އެކްލަބްގެ މުސްތަގްބަލްގައި އަރައި ނުގަނެވޭވަރުގެ އަޑި ގަނޑަކަށް ވެއްޓުނީސް ކަމަށް އެކްލަބްގެ ރައީސް ހޮއާން ލަޕޯޓާ ހާމަކޮށްފިއެވެ. ޖުލައިމަހު މެސީ ބާރސާ އާއި އެކު ހެދި އެއްބަސްވުން ނިމުމަކަށް އައިސް މެސީ މިނިވަން ކުޅުންތެރިޔަކަށްވީ ނަމަވެސް އެންމެންވެސް ގަބޫލް ކޮށްގެން ތިބީ ކުރިއަށް އޮތް ސީޒަންގައި މެސީ ފެނިގެން ދާނީ ބާރސާއިން ކަމަށެވެ. ނަމަވެސް ބާރސާގެ ރައީސް ލަޕޯޓާ ރޭ ހާމަކުރި ޚަބަރާއެކު ފުޓްބޯޅައިގެ ދުނިޔެއަށް ލިބިގެންދިޔައީ ބޮޑު ހައިރާން ކަމެކެވެ.

ލަލީގާގައި ވާދަކުރާ ކޮންމެ ކްލަބަކަށް އެލީގުން މުސާރަ ދިނުމުގައި ގެންގުޅޭ ލިމިޓުގެ ސަބަބުން މެސީ އާއެކު ބާރސާއިން އެއްބަސްވި އާ އެއްބަސްވުން އެންމެ ފަހު ވަގުތު އެކްލަބަށް ޖެހުނީ އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލާށެވެ. މެސީއަށް ބާރސާއަށް ސޮއި ކުރެވެން އަންނަނީ އެކްލަބަށް ޓީވީ ރައިޓްސްގެ ގޮތުގައި ލިބޭ އާމް ދަނީގެ ތެރެއިން ބަޔެއް ދޫކޮށް ލައިގެންނެވެ. ނަމަވެސް އޭގެ ސަބަބުން އެކްލަބަށް ކުރިއަށް 50 އަހަރު ގެއްލުންވާނެ ކަމަށް ލަޕޯޓާ ބުނެއެވެ. މިއީ ރައީސް ކަމާއި ހަވާލުވިއިރު މެސީ އެކްލަބްގައި ބަހައްޓާނެކަމުގެ ވައުދާއެކު އައި ލަޕޯޓާއަށްވެސް އެއްބަސްވާން ކެރުނު ކަމަކަށް ނުވިއެވެ. ލަޕޯޓާ ހާމަކުރިގޮތުގައި މިއީ 100 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކްލަބެއް ކަމަށާއި އަދި އެހެން ހުރިހާ އެންމެންނަށްވުރެ ކްލަބް މަތިވާނެކަމަށާއި އޭގެ ތެރޭގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔާވެސް ހިމެނޭ ކަމަށް އޭނާ ހާމަކުރިއެވެ. މެސީ ބާރސާއަށް ކޮށްދިން އަގު ނުކުރެވޭ ޚިދުމަތަށް އަބަދުވެސް ޝުކުރު ވެރިވާނެކަމަށް އޭނާ ހާމަކުރިއެވެ. 

ލަޕޯޓާ މިގޮތަށް ހާމަކޮށްފައިވާއިރު މިވޭތުވެދިޔަ ދުވަސް ތަކުގައި ބާރސާއިން ކުރީ ކީއްތޯ މިއީ އުފެދޭ ސުވާލެކެވެ. މިދިޔަ ސީޒަންގައި މެސީ ބޭނުންވީ ބާރސާ ދޫކޮށް ދާށެވެ. ނަމަވެސް އެކަން އެގޮތަށް ވިޔަ ނުދިނުމަށްފަހު މިހާރު މެސީ ކްލަބްގައި މަޑުކުރަން ބޭނުންވެފައި ހުއްޓާ އޭނާ ދޫކޮށްލާ ވާހަކަ ވެގެން ގޮސްފައިވަނީ އޭނާއަށް ބޮޑު ސިހުމެއް ލިބިގެން ގޮސްފައިވާ ކަމަކަށެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބާރސާއިން ބުނާ މެސީ އާމެދު އެކްލަބުން ކަން ކޮށްފައިވަނީ އެންމެ ރަނގަޅަށްތޯ މިއީ ގިނަ ބަޔަކު އުފައްދަމުންދާ ސުވާލެކެވެ. އަދި ކްލަބްގެ ސަޕޯޓަރުން މިހާރުވަނީ ކްލަބްގެ އެހެން ކުޅުންތެރިންނަށް ނުރުހުމުގެ ބަސްތައް ރައްދު ކުރަން ފަށާފައެވެ. އުފެދޭ ސުވާލަކީ މެސީ ދެން ފެނިގެންދާނީ ކޮން ކްލަބަކުންތޯއެވެ.